ކޯވިޑް-19 އާއި ގުޅިގެން ގިނަ ބަޔަކު އެއްވެގެން ކުޅިވަރުތައް ކުޅުން މަނާ ކުރި ކުރުމަށް ލުއި ދިނުމަށް ފަހު އަލުން ކުޅިވަރު ކުޅުން މަނާ ކުރީ ކޯވިޑްގައި ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވުމުން ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ވިދާޅުވެއްޖެ އެވެ.
ފުޓުބޯޅަ، ވޮލީ ފަދަ ކުޅިވަރުތަގެ ފަރިތަކުރުންތައް ނުބޭއްވޭތީ ކްލަބުތަކާއި ގައުމީ ޓީމުތަކުން ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ. ހާއްސަކޮށް ކޯވިޑްގެ މި ދަތި ދުވަސްވަރު ފަރިތަކުރުންތައް ނުބޭއްވޭތީ ގައުމީ ޓީމުތަކަށް ގުޅޭ ކުޅުންތެރިންނަށް އާމްދަނީ ލިބޭނެ މަގު ވަނީ ބަންދުވެފައި އެވެ
ޔޫތް މިނިސްޓްރީން ބުނެފައިވާގޮތުގައި ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އެލަވަންސް ލިބޭނީ ފަރިތަކުރުންތައް ކުރިޔަށް ގެންދާ ނަމަ އެވެ.
މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ މިއޮތް ހާލަތުގައި އަދި ކުޅިވަރުތައް ކުޅުމަށް ފުރުސަތު ދެވެން ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ކުޅިވަރުތައް ކުޅޭއިރު އެކަށީގެންވާ އިޖްތިމާއީ ގައިދުރު ކަމެއް ބެހެއްޓޭނެ ކަމަށް ގަބޫލް ނުކުރައްވާ ކަމަށެވެ.
ކުޅިވަރުތައް ކުޅުމުގެ ހުއްދަ ނުދިން ނަމަވެސް ޖިމްތަކާއި ސެލޫންތައް ހުޅުވުމުގެ ހުއްދަ ދީފައިވާތީ ކުޅިވަރު ކުޅޭ ފަރާތްތަކުން ކުރަމުންދާ ޝަކުވާ އާއި ގުޅިގެން ޑރ. ނަޒްލާ ވިދާޅުވީ އެތަންތަނުގައި ހިދުމަތް ދިނުމުގެ ހުއްދަ ދޫކޮށްފައިވާނީ ވަކި ގަވައިދުތަކަކާއި އެއްގޮތަށް ކަމަށެވެ. އެގޮތުން އެއް ފަހަރާއި ފަސް މީހުންނަށްވުރެ ގިނައިން އެއް ގަޑިއެއްގައި ހިދުމަތް ނުދެވޭނެ ކަމަށާއި ކަސްޓަމަރުންނަށް އިޖްތިމާއީ ގައިދިރުކަން ބަހައްޓައިގެން ހިދުމަތް ހޯދޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހޭނެ ކަމަށެވެ.
މި ގަދައިދަށް އަމަލު ނުކުރާ ތަންތަން ބަންދު ކުރާނެ ކަމަށް ވިދާޅުވި އެވެ. މީގެ ކުރިން އެފަދަ ތަންތަން ބަންދުކޮށްފައިވެ އެވެ.
އިތުރަށް ޑރ. ނަޒްލާ ވިދާޅުވީ ބޭރު ގައުމުތަކުގައި ވަކި އުސޫލުތަކެއްގެ ދަށުން ކުޅިވަރު ކުޅުމާއި ފަރިތަކުރުންތައް ބޭއްވުމުގެ ހުއްދަ ދިންކަމުގައި ވިޔަސް ރާއްޖެއިން އަދި އެ ހުއްދަ މިވަގުތު ދޭން ނިންމާފައި ނުވާ ކަމަށެވެ.
ދެ މަހެއްހާ ދުވަހު ކޯވިޑް-19 ކޭސްތައް ވަރަށް ބޮޑަށް އިތުރު ވުމަށް ފަހު މިހާރު ކޯވިޑް ޖެހޭ މީހުންގެ އަދަދު ދަށްވަމުންދާތާ ދެ ހަފްތާ ވަނީ އެވެ. އެޗްޕީއޭއިން ބުނީ ކޯވިޑް ކޮންޓްރޯލް ކުރެވޭނީ ހަމައެކަނި އިގްތިސޯދަށް ނުބަލައި ސިއްހަތަށް ސަމާލުކަން ދީ އެޗްޕީއޭގެ އިރުޝާދުތަކަށް އަމަލު ކޮށްގެން ކަމަށެވެ.
އެޗްޕީއޭއިން މިހާރު އާންމުކޮށްފައިވާ ގައިޑްލައިންގައި ވާގޮތުގައި މާލޭ ސިޓީގައި އާންމު ތަންތަނުގައި ފަސް މީހުންނަށްވުރެ ގިނައިން އެއްކޮށް އުޅުމަކީ މަނާ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް