ރާއްޖެ އަންނަ ޓޫރިސްޓުންނަކީ ކޯވިޑް-19 އަށް ގެނެޓިވް ޓުރިސްޓުން ކަމަށްވިޔަސް އެމީހުން ގެންނަ ނެގެޓިވް ރިޕޯޓަކީ ބަލި ނެތްކަން ޔަގީން ކޮށްދޭ އެއްޗެއް ނޫން ކަމަށް އެޗްއީއޯސީން ބުނެފި އެވެ.
މިމަހުގެ 10 ދުވަހުން ފެށިގެން ރާއްޖެ އަންނަ ޓޫރިސްޓުން ކޯވިޑް-19 އަށް ނެގެޓިވްކަން އަންގައިދޭ ރިޕޯޓު އޮންލައިންކޮށް އިމިގްރޭޝަނަށް ހުށަހަޅައި އަދި ރާއްޖެ އެތެރެވާއިރު ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލުންނަށް ދައްކަން ޖެހެ އެވެ. އެ ރިޕޯޓަކީ ރާއްޖެ އަންނަ ފްލައިޓު އޮންނަ ގަޑީގެ 72 ގަޑިއިރު ކުރިން ހަދާފައިވާ ޓެސްޓަކަށް ވާންޖެހެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ޓޫރިސްޓުން ގެންނަ ނެގެޓިވް ރިޕޯޓަކީ އެމީހުންގެ ފަރާތުން ކޯވިޑް ފެތުރިދާނެ ކަމުގެ ނުރައްކާތެރިކަން ކުޑަކޮށްދޭނެ އެއްޗެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ 72 ގަޑިއިރު ކުރިން ހަދާ ޓެސްޓެއް ކަމަށް ގައިޑްލައިންގައި ހިމަނާފައިވަނީ އެހެން ގައުމުތަކުގައި ގަޑި އެގޮތަށް ކަނޑައަޅައި އަމަލު ކުރާތީ ކަމަށެވެ.
އޭނާ ވިދާޅުވީ ކަނޑައެޅިފައިވާ ވަގުތުގައި ހަދާ ޓެސްޓަކުން ކޯވިޑަށް ނެގެޓިވް ކަމަށް ދެއްކިޔަސް އޭގެ ފަހުންވެސް ބަލި ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ ރާއްޖެ އެތެރެވާ ޓޫރިސްޓުން އެތެރެވުމުގައި އަމަލު ކުރާ ގަވައިދަށް ބަދަލު ގެނެޔަސް މި ސަބަބުތަކާއި ހެދި ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މުވައްޒަފުން ދިއުން މަނާކޮށްފައިވާ ގަވައިދަށް އަދި ބަދަލު ގެންނަން ނުވިސްނާ ކަމަށެވެ.
އަތޮޅު ތެރޭގެ ބަލި ނެތް އެއްވެސް ރަށަކަށް ބަލި ފެތުރުމަކީ އެޗްއިއޯސީން ބޭނުންވާ ގޮތެއް ނޫން ކަމަށާއި ޓޫރިސްޓުން ގެންނަ ނެގެޓިވް ރިޕޯޓަށް ބަލައިގެން މީހުން ދިރިއުޅޭ ރަށްރަށަށް ރިސޯޓުތަކުން މުވައްޒަފުން ކަރަންޓީން ނުވާގޮތަށް ނުދެވޭނެ ކަމަށް ވިދާޅުވި އެވެ.
މިހާރު ރާއްޖޭގައި ހުޅުވައި ހިދުމަތް ދެމުންދާ ރިސޯޓުތަކުގެ ތެރެއިން32 ރިސޯޓެއްގައި ޕޮސިޓިވް މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 22 ޓޫރިސްޓުންނާއި 50 މުވައްޒަފުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް