ކޮވިޑް-19 އާއި ގުޅިގެން އުމްރާގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފައި އޮތުމަށްފަހު އެ ހިދުމަތް އަލުން ދޭން ފަށަން ސައުދީ ސަރުކާރުން ނިންމައިފިއެވެ.
އެގޮތުން ސައުދީ ގެޒެޓްގައި ބުނެފައިވާގޮތުގައި އެ ނިންމުން ނިންމާފައިވާކަން އެ ނޫހަށް ވަނީ ކަށަވަރު ކުރެވިފައެވެ. ނަމަވެސް އެކަމުގެ ސީދާ ތާރީހުތައް އަދި އެ ނޫހަށްވެސް އެނގިފައެއް ނުވެއެވެ.
އެ ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި އުމްރާ ހިދުމަތް އެންމެ ފުރަތަމަ ހުޅުވާލަން ނިންމާފައިވަނީ، ވަކި އިންތިޒާމްތަކެއްގެ ދަށުން އެ ގައުމުގައި މިހާރު ތިބި ފަރާތްތަކަށެވެ. އަދި މަޑުމަޑުން ލުއި ދެމުން ގޮސް އާންމުކޮށް ހުޅުވާލަން ވަނީ ނިންމާފައެވެ.
މި ނިންމުން ސައުދީން ނިންމާފައިވާއިރު އެ ގައުމުގެ ބޯޑަރު އަންނަ އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހަށް ހުޅުވާލަންވެސް އެ ގައުމުން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ބޯޑަރު ހުޅުވާލުމުގެ މަސައްކަތައް ތައްޔާރުވާން މިހާރު ވަނީ ފަށާފައެވެ.
ސައޫދީގައި ކޯވިޑް ކޭސްތަކުގެ އަދަދު މިހާރު ވަރަށް މަދެވެ. މި އަހަރުގެ ޖޫންގައި އެންމެ ޕީކަށް ދިޔައިރު އަދަދު ދުވާލަކަށް ހަތަރު ހާހުން މަތީގައި އުޅުނު ނަމަވެސް މިހާރު އަދަދު އުޅެނީ ދުވާލަކަށް ހާހުން ދަށުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް