ޒާރާ ބޭރަށްނިކުމެ ސިޓިންރޫމާދިމާއަށް ހިނގައިގަތެވެ. ބަދިގެބަޔަށް ވަދެވޭނީ ސިޓިންރޫމް ތެރެއިން ކަމަށްވާތީއެވެ. ފަހަތުން އިމްރާން ދިޔައެވެ. ސިޓިންރޫމްތެރެއަށް ޒާރާއަށް ނިކުމެވުނުއިރު ސަރީފާ އޭނާގެ އިންތިޒާރުގައި އިނެވެ. ޒާރާ ފެނުމާއެކު ހިނިތުންވެލިއެވެ. ގޭގައި މަސައްކަތްކުރަންގެންގުޅޭ ހަސީނާ ގޭތެރެ ސާފުކުރުމުގައި އަވަދިނެތި އުޅެއެވެ.
''ދަރިފުޅާ އަވަހަށް އާދޭ ...... މަންމަ މިއިންނަނީ ދަރިފުޅު ނިކުންނަންދެން..... މަގޭ އިމްރާން ކައިރީ ކިތަންމެ ފަހަރަކު އަހާވެސް ލެވިއްޖެ ދަރިފުޅު ހޭލައިފިތޯ.....'' ސަރީފާގެ މޫނުމަތިން ފެންނަނީ އިންތިހާ އުފާވެރިކަމެވެ. ޒާރާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ސަރީފާ، ޒާރާގެ ގާތަށް އައިސް އަތުގައި ހިފައިގެން ސައިމޭޒާ ދިމާއަށް ހިނގައިގަތެވެ. ފަހަތުން އިމްރާންވެސް ދިޔައެވެ.
ސަރީފާ އޯގާތެރިކަމާއެކު ޒާރާ އިށީނުމަށް ގޮނޑި ދަމާލިއެވެ. ޒާރާއަށް މަޖްބޫރުވީ އެ ގޮނޑީގައި އިށީންނާށެވެ. ސަރީފާ މެދުކެނޑުމެއްނެތި ޒާރާގެ ރީތިކަމާ މަޑުމައިތިރި ކަމަށް ތައުރީފު ކުރަމުން ގެންދިޔައެވެ. ޒާރާއަކީ މަންމަ އުންމީދުކުރިކަހަލަ ކުއްޖެއްކަމަށްބުނެ އެތައްގޮތަކުން އިމްރާންގެ ހޮވުން ސަރީފާއަށް ކަމުދާމިންވަރު ހާމަކޮށްދެމުން ދިޔައެވެ. އެއިން އެއްވެސް ވާހަކައަކުން ޒާރާގެ މޫނަށް އުފާވެރިކަން ވެރިވާގޮތެއް ނުވިއެވެ. ވާނީވެސް އެހެންނެވެ. ޒާރާގެ ސިކުނޑިތެރޭގައި ހިނގަމުން ދިޔައީ މުޅިން އެހެން ކަމެކެވެ. ޒާރާ ވިސްނަމުން ދިޔައީ އޭނާގެ ގެޔަށް ދެވޭނެ ގޮތެކެވެ. އޭނާގެ ބައްޕަ ދެކިލަން ބޭނުންވާތީއެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެއޭ ޒާރާގެ ހިތް ބުނަމުން ދާތީއެވެ. ޒާރާގެ ގާތުގައި ޖެހިގެންހުރި ގޮނޑީގައި އިމްރާން އިށީނީ ސަރީފާ އިޝާރާތް ކުރުމުންނެވެ. އެކަމުން ޒާރާއަށް އުނދަގޫ ވާންފެށިއެވެ. އެހެންނަމަވެސް އެކަން ހާމަނުކޮށް އިނދެވޭތޯ އޭނާ މަސައްކަތް ކުރިއެވެ.
''ދަރިފުޅު ބޯނީ ޖޫސްތަ؟...... ނޫނީ ސައިތަ އަޅައިދޭންވީ.....'' ތަށި ކައިރިކޮށްލަމުން ސަރީފާ ވާހަކަދެއްކީ ނުހަނު އޯގާތެރިކަމާއެކުގައެވެ. ތަށިތައް ގާތްކޮށްދީ، ޖޫސްތަށި އަޅާދިނީވެސް ސަރީފާއެވެ. ނުހަނު ލޯބިންނެވެ. ޒާރާއަށް ދުވަހަކުވެސް އޭނާގެ މަންމަގެ ފަރާތުން އެކަހަލަ އޯގާތެރި ޚިދުމަތެއް ލިބިފައެއް ނުވެއެވެ. ހައިރާން ކަމާއެކު ސަރީފާގެ މޫނަށް ޒާރާއަށް ބަލާލެވުނެވެ. އުފަން ދަރިއަކަށް ވެސް މަންމަ އަކު ކަންތައްތައް ނުކޮށްދޭހާލޯބިން ސަރީފާ ޒާރާއަށް ކަންތައްކޮށްދޭތީ އޭނާ ހައިރާންވިއެވެ. އޭނާގެ އުފަން މަންމަ އާ ސަރީފާގެ ހަރަކާތްތައް، ހިތާހިތުން އަޅާ ކިޔާލެވުނެވެ.
ކެއްކުމާ، ތަށިތެލިދޮވުންފަދަ ބަދިގޭ ހުރިހާ މަސައްކަތެއްކޮށްފައި، ނުވިތާކަށް ގޭތެރޭގެ އެހެން މަސައްކަތްތައް ކޮށްފައި ކާން އިށީނަސް މަންމަ ޒާރާއަށް ކުދިކިޔާނުލާ ދާނީ މަދުފަހަރަކުއެވެ. މަންމަގެ ރުންކުރު މިޒާޖުގެ ސަބަބުން މަންމަދެކެ ޒާރާ އަބަދުވެސް ޖެހިލުންވެއެވެ. ޒާރާއަށް ކާން ހަދާދީ، ކައިފިތޯބެލުމަކީ މަންމަ ކުރާކަމެއް ނޫނެވެ. އަންހެންކުދިންނަކީ އަމިއްލައަށް ހުރިހާކަމެއް ކުރަންޖެހޭކުދިންކަމަށް އަބަދުވެސް ޒާރާގާތު މަންމަ ބުނެއެވެ. އެގޮތަށް ޒާރާއަށް ވިސްނިފައި އޮންނަ ސަބަކީ އެއީއެވެ. ޒާރާ ބަނޑުހައިވެފަ ހުއްޓަސް އެކަން ދެނެގަންނަމީހަކީ މަންމަ އެއް ނޫނެވެ. ބައްޕަ އެވެ. ޒާރާ ކައިފިތޯ ބަލަނީވެސް މަންމަ އެއްނޫނެވެ. ބައްޕައެވެ. އެބައްޕަ ނެތްނަމަ ޒާރާ ކިހާ ނިކަމެތިވީސްހެއްޔެވެ. ގިނަދުވަސްދުވަހު މަންމަގެ ހަޅޭކުން ޒާރާއަށް ރޮވެއެވެ. އެފަދަ ކޮންމެ ވަގުތެއްގައިވެސް ޒާރާގޮވައިގެންގޮސް ހަމަޔަކަށް އަޅުވަނީ ޒާރާގެ ލޯބިވާ ބައްޕައެވެ. ތުއްތު އިރުއްސުރެ މިއަދާ ހަމައަށްވެސް ކަންތައްވަމުންދަނީ އެގޮތަށެވެ. ބައްޕަގެ ހަނދާންތައް އާވެގަތެވެ. ބައްޕަ ދެކިލަން ދާން ބޭނުންވިއެވެ.
''ދަރިފުޅާ..... ދެން ފައްޓާ..... ކޮން ފިކުރެއްގަ..... މަންމައަށް ހީވަނީ ދަރިފުޅު ކޮންމެވެސް ކަމަކާ ވިސްނާނީހެން.....'' ސަރީފާއަށް ޒާރާގެ މޫނުމަތީގެ ހާސްކަން ފާހަގަކުރެވުނެވެ.
''ގެއަށްގޮސްލަން ......'' ޒާރާ އިސްޖަހާލިއެވެ.
''ތީ ދަރިފުޅު އެވަރަށް ވިސްނަންޖެހޭ ކަމެއް ނޫނެއްނު....... އިމްރާން އެހެރީއެއްނު.....ދަރިފުމެން ދެކުދިންދޭ .... ގެއަށްގޮސްލާފަ އަންނަން.... މަންމަ ހުންނާނެ ދަރިފުޅު މަންމައަށް ހަދިޔާކޮޅެއްވެސް ތައްޔާރުކޮށްލާފަ.....އަންނާނަން އެ ކޮތަޅު ހިފައިގެން .....ދަރިފުޅުމެން އަވަހަށް ސައިބޯލާ......'' ސަރީފާ ކިހާހިތް ހެޔޮ ހެއްޔޭ ޒާރާގެ ހިތަށް އެރިއެވެ. އަވަސްއަވަހާ ޖޫސްތަށި ބޯލުމަށްފަހު ޒާރާތެދުވިއެވެ. ތަށި ހިފައިގެން ސިންކުކައިރިއަށް ޖެހިލީ އެތަށި ދޮވެލުމަށެވެ. ގޭގައިގެންގުޅޭ ހަސީނާ އެވަގުތު ނުހަނު ހަލުވިކަމާއެކު ޒާރާގެ ގާތަށް ޖެހިލިއެވެ. ޒާރާލައްވާ އެއްވެސް މަސައްކަތެއް ނުކުރުވަން ސަރީފާ ބުނެފައޮތްވާހަކަ ބުނަމުން ހަސީނާ، ޒާރާއަތުން ތަށިތައް އަތުލިއެވެ. ސަރީފާ އެވަރަށް ޒާރާއާދޭތެރޭ ވިސްނާކަން އެނގުނީމަ ޒާރާ ހައިރާންވި އެވެ. ގަބޫލުކުރަންވެސް ދަތިވިއެވެ. ހިތާހިތުން ސަރީފާގެ ރަނގަޅުކަމާ ހިތްހެޔޮކަމަށް ޝުކުރުވެރިވެވުނެވެ.
އަމިއްލަ ގޭގެ ދޮރުމަށްޗަށް ކާރު މަޑުކޮށްލުމާއެކު ޒާރާ އަވަސް އަވަހަށް ކާރުން ފޭބިއެވެ. ހިތްހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ. ހަދިޔާކޮތަޅު ހިފައިގެން ހިނގައިގަތުމުން އިމްރާން ވެސް ފަހަތުން ހިނގައިގަތެވެ. އެހެންނަމަވެސް ޒާރާ އެދުނީ އޭނާއެކަނި ގޭގައި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުން ކަމުގައެވެ. ހަވީރު ބަލާއަންނާނެކަމުގައި ބުނެފައި އިމްރާން ދިއުމުން ޒާރާ ދޮރާށިން އެތެރެއަށް ވަނެވެ. ގޯތިތެރޭގައި އާއްމުކޮށް ބައްޕަ އުޅޭނެކަން ޔަގީނެވެ. ޒާރާއަށް އެނގޭކަމަކީ، އޭނާގެ ބައްޕަ ގަދަވެހުރިއްޔާ ގަސްތައް ބެލެހެއްޓުމުގެ މަސައްކަތް ކޮންމެދުވަހަކުވެސް މިގަޑީގައި ކުރާނެކަމެވެ. އެހެންކަމުން ވަށައިގެން ހޯދާލެވުނެވެ. ބައްޕަގޭތެރޭގައި އުޅޭކަން ޔަގީންވީ ބައްޕަގެ ފައިވާން ބޭރުގައި ހުއްޓާފެނުނީމައެވެ. ބައްޕަ ބަލިވީބާވައޭ ހީވެ ހިތްތެޅިގަތެވެ. އަވަސްއަވަހަށް ދޮރާދިމާއަށް ހިނގައިގަތެވެ.
ސިޓިންރޫމުގެ ދޮރު ކުޑަކޮށް ހުޅުވާލީ އެތެރޭގައި މަންމަ އުޅެފާނެކަމަށް ބަލާފައެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން ޒާރާގެ ހާސްކަން އިތުރު ވިއެވެ. އަތުގައިހުރި ކޮތަޅު މޭޒުމަތީ ބެހެއްޓުމަށްފަހު ޒައިދަށް ގުޅާލިއެވެ. އޭނާ ނުހޭލާނެކަން އެނގިހުރެއެވެ. ވީ ހަމަ ޒާރާ ހީކުރިގޮތެވެ. ޒައިދު ފޯނެއް ނުނެގިއެވެ.
ޒާރާ ގަސްދުކުރީ ބައްޕަމެންގެ ކޮޓަރީގައި ޓަކިޖަހާށެވެ. ބަންދު ދުވަހެއް ކަމުން މަންމަ އަދި ނުހޭލާނެކަން ޒާރާއަށް ޔަގީންވާތީ ޓަކިޖަހަން ފަސްޖެހެވުނެވެ. އަދިވެސް ބޮޑަށް ދޮރާ ކައިރިއަށް ޖެހިލިއެވެ. ޒާރާއަށް ހީކުރެވުނުގޮތާ ޚިލާފަށް ކޮޓަރީގެ ދޮރު ހުރީ އެއްކޮށްލައްޕާފައެއް ނޫނެވެ.
''ކަލޭގެ ދަރިފުޅު ބަލާބޮޑުކޮށްފައެހުރީ.... އަދި ނުވިތާކަށް ކަލޭގެ ދަރިފުޅަށް ދުވަހަކުވެސް ނުލިބޭނެފަދަ ތަނަވަސްކަމެއް ހޯދާދޭންވެގެން މުއްސަންޖަކާ ދެވާދީފަ އެހެރީ.... އެވަރުންވެސް ކަލޭގެ އަނގައިން ހެޔޮބަހެއް ނީވުނެއްނު.... އިއްޔެއްސުރެން ހުއްޓާނުލާ ތަސްބީހައެއްހެން ކިޔާލަކިޔާލަ ތިޔަހުންނަނީ ޒާރާ ...ޒާރާ ... ޒާރާ....އެ ނޫނިއްޔާ ކަލޭގެ ދަރިޔަކު ނެތީތަ....'' މަންމަގެ ނަފުރަތުން ފުރިފައިވާ ޖުމްލަތައް އަމާޒުވަނީ ކާކަށް ކަން ޒާރާއަށް އޮޅިފައެއް ނެތެވެ.
''ކަލޭ ބުނިކަންތައް މަށަށް ކޮށްދެވިއްޖެކަމަށް ހީކުރަން..... ދެނެއް ކަލެއާއެކު އެންމެ ފަޅި ސިކުންތަކަށްވެސް އަހަރެން އުޅޭކަށް ބޭނުމެއްނޫން އަހަރެންގެ ޝަރުތު ކަލޭ ފުރިހަމަނުކުރަނީސް......'' ނާޒިމާ ވާހަކަދައްކަމުންދިޔައީ މަޑުން ނަމަވެސް އެ އަޑުގައިވަނީ އިންތިހާ ނަފުރަތާ ރުޅިވެރިކަމެވެ.
މަންމަ އެބުނަނީ ކޮން ޝަރުތެއްގެ ވާހަކަބާވައެވެ. ޒާރާއަށް ރަނގަޅަށް އެވާހަކަތައް އަޑުއިވުނެވެ. އެހެންނަމަވެސް ދޮރާއަދިވެސް ކައިރިއަށް ޖެހިލެވުނީ ބޭއިޚްތިޔާރުގައެވެ.
''ނާޒިމާ ތިޔަކޮށްދިންކަންތައް އަބަދުވެސް އަހަރެން ހަނދާން ބަހައްޓާނަން..... އެކަމަކު އަހަރެން ހިތް ބުނަނީ ޒާރާ ހުރީ އުފަލަކުން ނޫނޭ.... އެމަންޖެ ޕާޓީގަވެސް ހުރީ ނުލާހިކު.............''
''ހުއްޓާލާ............. ނާޒިމާގެ އަޑު ކުރިއަށްވުރެން ގަދަވިއެވެ.
''އަހަރެންމީ ކަލޭގެ އަޅެއް ނޫނެއްނު..... ކަލޭ ސިއްރުކޮށްދޭން ބުނި ކަންތައް އޮންނާނީ ސިއްރުކޮށްދީފަ.......ކަލޭ އެދުނުފަދައިން ޒާރާއަށް އަހަރެންމީ ޒާރާގެ އުފަން މަންމަ ނޫންކަމެއް އަދިވެސް ނާންގަމެންނު....'' ކިތައްމެ ހިތްނޭދުނަސް، އެއީ އަހަރެންގެ ދޮންދަރިއެއްކަމެއް އެއްވެސް މީހަކަށް އެނގުނަކަ ނުދެމެންނު........ ދެންވެސް ކަލޭ ވެއްޖެއެންނު އެކަމަށް ޝުކުރުވެރިވެފަ އަހަރެން މިއެދޭފަދައިން މިގެއާ ގޯތީގެ އެއްބައި މަށަށް ހިބަކޮށްދޭން..... ''
ނާޒިމާގެ ޖުމްލަތައް އަޑުއިވުނު ހިނދު ޒާރާގެ ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ. މޫނުމައްޗަށް އަނދިރިވިއެވެ. ހަށިގަނޑުގައި ހިނގަހިނގާހުރިލޭ ގަނޑުވިކަހަލައެވެ.
ނުނިމޭ – ވާހަކައިގެ އާ ބައެއް 17 ސެޕްޓެމްބަރ ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް