ސައުދި އަރަބިއްޔާގެ ތެޔޮ ކުންފުނި އަރަމްކޯގެ ތެޔޮ ކާރުޚާނާތަކަށް ޔަމަނުން ދިން ޑްރޯން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށިކޮށް ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިފަދަ ހަމަލާތަކުގެ ސަބަބުން އާންމު ރައްޔިތުންގެ ފުރާތަމައަށް ނުރައްކާވާނެ ކަމަށާއި، މިކަމުގެ ސަބަބުން ހަމަލާދިން ސަރަހައްދުގެ ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން، އެފަދަ ޓެރަރިސްޓް ހަމަލާތަކުގެ ސަބަބުން ބައިނަލްއަގްވާމީ ފަރާތްތަކުން ގުޅިގެން އެސަރަހައްދުގައި ސުލްހަ ގާއިމްކުރަމުންދާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ހުރަސްއެޅިގެންދާނެ ކަމަށް ވެސް އެބަޔާނުގައި ވެއެވެ.
އިއްޔެ ދިން ހަމަލާއިން ރޯވި އަލިފާންގަނޑު މިހާރު ނިއްވާލެވިފައިވާކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފައެވެ. އެހަމަލާގައި 10 ޑްރޯން ހަމަލާ ވަނީ ދީފައެވެ.
ސައުދީ އަކީ އެންމެ ފުޅާ ދާއިރާއެއްގައި ތެޔޮ އުފައްދާ ގައުމަށްވާއިރު، އެ ގައުމުން ދުވާލަކު ހަތް މިލިއަން ފީފާ ތެޔޮ އެކި ގައުމުތަކަށް އެކްސްޕޯޓް ކުރެއެވެ. ނަމަވެސް އިއްޔެގެ ހަމަލާއާއެކު އެ އަދަދު 5.7 މިލިއަން ފީފާއަށް ވެއްޓޭނެކަމަށް ސައުދީ ސަރުކާރުން ވަނީ ލަފާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް