ކުރީގެ އަދަދާ ގުޅޭ...
"ސުމާ" ކެވެލިކޮޅަށް ބަލައިލުމަށްފަހު ނަޒާން ކިޔައިލިއެވެ.
އެނދުމަތީ ތެދަށް އޮށޯވެ އޮތް ނަޒާންގެ ނަޒަރު ވަނީ ސީލިންގަށް ހުއްޓިފައެވެ. ހިޔާލަކަށް ގެއްލިފައި އޮތް ނަޒާން ދިޔައީ ސުމާގެ ސޫރަ ހިތައް ސިފަކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ލޯމަރައިލާ ކޮންމެ ފަހަރަކު ސިފަވަނީ އޭނާގެ އަތުތެރޭގައި އެދުވަހު އޮތް އަންހެން ކުއްޖާއެވެ. އެސޫރަ މިހާރު ވަނީ އެހިތުގައި ބިންވަޅު ނެގިފައެވެ. ކެވެލިކޮޅު ނަގައި މޫނާ ދިމާލަށް ދިއްކޮށްލިއެވެ. އޭގައި އެލިފައި އިން "އެސް" އަކުރުގައި ނަޒާން އިނގިލި ހާކައިލިއެވެ.
"ސުމާ" އަނެއްކާވެސް ނަޒާން އެ ނަން ކިޔައިލިއެވެ. ކެވެލިކޮޅު މުށުތެރޭގައި ފޮރުވައިލުމަށްފަހު ނަޒާން ތެދުވެގެން ގޮސް މޭޒު ކައިރީ އިށީނެވެ. ކުރަހަމުން ދިޔަ ތަސްވީރަށް ބަލައިލިއެވެ. ފަންސުރުން ކުރަހާފައިވާ އެ ކުރެހުމުގައި މިހާރު މަދީ ކުލައެވެ. ހިތުގައި ބިންވަޅު ނެގިފައިވި އެ ސޫރަ މިހާރު އެވަނީ އެކުރެހުމުގައެވެ. ނަޒާން އެ ކުރެހުމަށް ބަލައިލުމަށްފަހު ހީލިއެވެ. އަދި ކެވެލިކޮޅާއި އެކީ އެ ކުރެހުން ވަތްގަނޑަށްލިއެވެ.
***
"އަހަރެން އަދިވެސް މި އިންތިޒާރު ކުރަނީ ސަމާހްގެ ޖަވާބަކަށް... ސަމާހަށް އިނގެއެއްނު އަހަރެންގެ ބައްޕަގެ ގޮތް... މިއަދު ވެސް ބުނި ސަމާހް އާއި ނީންނަންޏާ ބައްޕަ ދައްކާ މީހަކާ އިންނަން ތައްޔާރުވާށޯ" ޖުމާ ބުނެލިއެވެ. ސަމާހް އާއި ޖުމާ ވާހަކަދައްކަމުން ދިޔައީ ފޯނުންނެވެ. ޖުމާގެ އަޑުގައިވި އަސަރު، ސަމާހްގެ ހިތުގެ އެންމެ ފުންމިނަށް ވާސިލުވެއްޖެއެވެ.
"އަދި ޝައި އާ ވާހަކައެއް ނުދައްކަން" ވިސްނައިލުމަށްފަހު ސަމާހް ބުނެލިއެވެ.
"ސަމާހް ޕްލީޒް... ޝައި އަހަރެންދެކެ އެހާ ރުޅި އަންނަވަރު ކަމެއް އަހަރެން ނުވެސް ކުރަން... އަހަރެން މިވަގުތު ޝައިލާގެ ވާހަކަ ދައްކާކަށް ބޭނުމެއް ނޫން... އަހަރެން ބޭނުނީ ސަމާހްގެ ޖަވާބެއް..." ޖުމާގެ ހިތުގައި އުފެދިފައިވި ހިތާމައިގެ މައްޗަށް ރުޅިވެރިކަން ގަދަކުރަމުން ދިޔައެވެ.
"އަހަރެންނަށް އެއްޗެއް ބުނެވޭނީ ޝައި ކައިރީ އަހާފަ... ޝައި ބޭނުންނުވަންޏާ އަހަރެން މި ގުޅުން ކުރިއަށް ގެންދާކަށް ބޭނުމެއް ނޫން... އިތުރު ހިތާމައެއް ޝައިއަށް ޖައްސާކަށް އަހަރެން ބޭނުމެއް ނޫން" ސަމާހްގެ އަޑު ބެދުން ކަހަލައެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭންގުނެވެ.
ޖުމާ ވެސް އިތުރަށް ބުނާނެ އެއްޗެއް ނޭންގުމުން ފޯނު ކަނޑައިލިއެވެ. ޖުމާ ފޯނު ކަނޑައިލުމުން ސަމާހް ފޯނު އެނދުމައްޗަށް އެއްލައިލިއެވެ. އަދި ދެއަތުން މޫނުގައި އަތް އަޅައިލިއެވެ. ސަމާހް ސިއްސައިގެން ދިޔައީ ފިނި އަތަކުން އޭނާގެ އަތުގައި ހިފައިލުމުންނެވެ. މޫނުމަތިން އަތް ނަގައި އިސްއުފުލާ ބަލައިލިއިރު ކުރިމަތީގައި ހުރީ ޝައިލާ އެވެ.
"ޝައި ނުރުހޭނެ ކަމަށް ބަލައިގެން ދޮންބެގެ ލޯބި ގުރުބާން ނުކުރޭ... ޝައި އަށް އެއްވެސް މައްސަލައެއް ނޫން ޖުމާ މިގެއަށް އައުމަކުންނެއް.." ސަމާހްގެ ލޮލަށް ބަލަން ހުރި ޝައިލާ ބުނެލިއެވެ. އެއަޑަށް ސަމާހް ވަރަށް ހައިރާންވިއެވެ. ޝައިލާ ބޯޖަހައިލިއެވެ.
"ދޮންބެއެއްނު ބުނީ ވެދިޔަ ކަންތައް ދޫކޮށްލާފަ އާފެށުމަކުން ފަށާށޭ... ޝައި މިހާރު އެކަމަކާ ނުވިސްނަން އަދި ޖުމާ އެއީ ޝައިގެ ކުރީގެ ބެސްޓްފްރެންޑް ކަމަކަށް ވެސް ނުދެކެން... ދޮންބެ ޖެހޭނީ އަލުން އަހަރެމެން ދެމީހުން އިންޓްރޮޑިއުސް ކޮށްދެން... ދޮންބެ މެރީ ކުރާނީ ދޮންބެ ލޯބިވާ މީހަކާ" ސަމާހްގެ އަތައް ފިތައިލަމުން ޝައިލާ ބުނެލިއެވެ.
"ޝައި ނުރުހޭ މީހަކާ ދޮންބެ ބޭނުމެއް ނޫން މެރީ ކުރާކަށް" ސަމާހް އަނެއްކާވެސް ބުނެލިއެވެ. ޝައިލާ ބޯ ހޫރައިލިއެވެ.
"ނޫން... ދޮންބެ މެރީ ކުރާނީ ޖުމާ އާ... އެހެންނޫނީ ޝައި ވަރަށް ދެރަވާނެ" ހީލަމުން ޝައިލާ ބުނެލިއެވެ. ވީ އުފަލުން ޝައިލާގެ ގައިގައި ސަމާހް ބައްދައިލިއެވެ.
"ތޭންކްޔޫ ޝައި..." ޝައިލާގެ ނިތުގައި ތުންފަތް ޖައްސައިލަމުން ސަމާހް ބުނެލިއެވެ.
ސަމާހް ޖުމާ އަށް ގުޅައިފައި އެ އުފާވެރި ހަބަރު ދިނުމަށް އަވަސްވެގަތެވެ. އެދެމީހުންނަށް ވަގުތު ދިނުމުގެ ގޮތުން ޝައިލާ އެކޮޓަރިން ނިކުތުމަށްފަހު އަމިއްލަ ކޮޓަރިއަށް ދާން ހިނގައިގަތެވެ.
ކޮޓަރިއަށް ވަނުމަށްފަހު ޝައިލާ އެނދުމަތީގައި އޮށޯތެވެ. އަހަރުތަކެއް ކުރިން ޖުމާ އަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާ އެވެ. އޭރުވެސް ސަމާހް އާއި ޖުމާ އުޅުނީ ލޯބީގެ ގޮތުން ގުޅިގެންނެވެ. އެދެމީހުންގެ ލޯބީގެ ފެށުމަކީ ވެސް ޝައިލާ އެވެ. ނަމަވެސް ދެމީހުންގެ މެދުގައި ނަފްރަތު އުފެދުނީ އެއް އޮފީހެއްގައި މަސައްކަތް ކުރަން ފެށި ހިސާބުންނެވެ. އޮފީހުގެ ވެރިޔާ އަކީ ޖުމާ އާއި މާގަޔާވާ މީހެއް ކަމުން ކޮންމެ ކަމެއްގައި ވެސް ޝައިލާ އެއްފަރާތްކޮށްފައި ޖުމާ އަށް އިސްކަން ދިނުން ވެގެން ދިޔައީ އެމީހުންގެ އެކުވެރިކަމަށް އެޅުނު ހުރަހަކަށެވެ. އަދި އެއީ ޝައިލާގެ ކުރިއެރުމަށް އެޅޭ ހުރަހެއް ކަމަށް ވެސް އޭނާއަށް ގަބޫލުކުރެވުނެވެ. އެހިސާބުން އެދެމީހުންގެ މެދުގައި ގުޅުމެއް ވާކަމަށް ޝައިލާ އަށް ޝައްކު ކުރެވެން ފެށުނުނެވެ. އެކަމާ އެއްދުވަހު ދެކެވުނު ވާހަކައެއްގެ ތެރެއިން މައްސަލަ ހޫނުވެ، އެކަން އެމީހުންގެ ބޮސްއަށް އެނގުނެވެ. ހަމަ އެހިނދުން ޝައިލާ ވަޒީފާ އިން ވެސް ވަކިކުރިއެވެ. އެދުވަހުން ފެށިގެން ޖުމާ ދެކެ ޝައިލާ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. ނަމަވެސް ފަހުން ޖުމާ އެކަމާ ވަރަށް މައާފަށް އެދުނެވެ. ނަމަވެސް ޝައިލާ ދިނީ ބީރު ކަންފަތެވެ.
އެހުރިހާ ކަމަކަށް ފަހު ސަމާހް އާއި ޖުމާގެ ގުޅުމަކީ ޝައިލާ މާ ރުހޭ ގުޅުމަކަށް ނުވިއެވެ. އެކަމާ ޝައިލާ އަބަދު ހުންނަނީ ސަމާހް އާއި ޒުވާބުކޮށްލަ ކޮށްލައެވެ. ސަމާހް އަދި ޖުމާ ވެސް އޭރު އުޅުނީ ދޫދޭގޮތަކަށް ނޫނެވެ. ނަމަވެސް މިހާރު ހާލަތު މުޅިން ބަދަލުވުމުގެ ސަބަބުން ސަމާހް ބޭނުންވަނީ އެކަން ޝައިލާ ބޭނުންގޮތަކަށް ނިންމާށެވެ.
ހިޔާލަކަށް ގެއްލިފައި އޮތް ޝައިލާ ސިއްސައިގެން ދިޔައީ ޝަހާމާ އައިސް ގޮވައިލުމުންނެވެ.
"ދެފާ ދަމާފަ ނިދުން ދޯ ޝައިލާގެ ކަމަކީ އަބަދު... ބޮޑު ސިންގާ އަންހެނެއް ކަމެއް ކޮށްލާކަށް ނުކެރޭ" ޝަހާމާ އައިސް ފުރަތަމަ ވެސް ބުނެލީ މިހެންނެވެ. ހަމަ އަޅާވެސް ނުލައި ޝައިލާ އެއޮތް ގޮތަށް އޮތީއެވެ.
"ޝައިލާ ވެސް ދެން ވަޒީފާއަކަށް ދޭބަލަ... އެހެން ނޫނީ މީހަކާ އިންނަން އުޅޭ... އަނެއްކާ ބިޓެއް ހުރޭތަ؟ ހިޔެއް ނުވޭ މިހާރު ބިޓެއް ނުނަގާ ހުންނާނެ ކަމެއް ވެސް ދޯ" ޝައިލާގެ އަލަމާރި ހުޅުވައިލަމުން ޝަހާމާ ބުނެލިއެވެ. އެވަގުތު ޝައިލާ އޭނާގެ މޫނަށް ބަލައިލިއެވެ.
"އަނެއްކާ އެސޮރަށް އިނގޭތަ އެވާހަކަ؟" މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލައި، ނިއްކުރިއަށް ރޫއަރުވައިލަމުން ޝަހާމާ އަހައިލިއެވެ. ވަގުތުން ޝައިލާގެ އަތްފައި ފިނިވެގެން ދިޔައެވެ. ކުއްލިއަކަށް އެނދުން ތެދުވެ ކޮޓަރިން ދާން ހިނގައިގަތެވެ.
***
ޑިއުޓީ ނިންމާލައިފައި އައި ނުހާ ސިއްސައިގެން ދިޔައީ ފަހަތުން މީހަކު އުނުގަނޑުގައި ކޮށްޓައިލުމުންނެވެ. ފަހަތް ބަލައިލިއިރު ހެވިފައި ހުރީ ނަހުޒާނެވެ.
"ދެން އެކަހަލަ ސަމާސާ ކުރޭތަ؟" ނުހާ އަހައިލިއެވެ.
"ނަޒާން ކޮށްފިއްޔާ އޯކޭ ދޯ ހަމަ... އަހަރެން ކުރީމަ ގޯސް ކަމަކަށް ވަނީ" ނުހާގެ މޫނަށް ބަލަން ހުރެ ނަހުޒާން ބުނެލިއެވެ.
"ނަޒާން ކޮށްފިއްޔާ ކޮންމެ ކަމެއް ވެސް އޯކޭ" ނުހާ ވެސް ހުރީ ނަހުޒާންގެ މޫނަށް ބަލަހައްޓައިގެންނެވެ. މިހާރަކަށް އައިސް ނަހުޒާން އެކަހަލަ ކުދިކުދި ސަމާސާ ކުރާލެއް ވަރަށް ގިނަވެއްޖެއެވެ. އެއްޗެއް ނުބުނި ނަމަވެސް އެއީ ނުހާ މާ ހިތްހަމަޖެހޭ ކަމެއް ނޫނެވެ.
"އެއީ ކީއްވެ؟ ތިދެމީހުން އަނެއްކާ ކަމެއްތަ؟" ނަހުޒާންގެ މޫނުމަތި ބަނަވެގެން ދިޔައެވެ.
"ޒާންގެ ގޮތެއް ނޭންގެ... އެކަމަކު އަހަރެންނަށް އެކަހަލަ އިހުސާސެއް ކުރެވޭ..." ނުހާ އެހެން ބުނެލީ ނަހުޒާން ދެރަކޮށްލުމުގެ ނިޔަތުގައެވެ. ނަހުޒާން އުޅޭގޮތުން އުނދަގޫ ވާތީއެވެ. ނުހާ އެހެން ބުނުމުން އިރުކޮޅަކު ބަލަން ހުރުމަށްފަހު އައިކޮޅަށް ދާން ނަހުޒާން ހިނގައިގަތެވެ. އެވީގޮތް ނުހާގެ ހިތައް ނަގައިގަނެވުނެވެ. ދެން ނަހުޒާންގެ ކިބައިން އެކަހަލަ ކަމެއް ނުފެންނާނެ ކަމަށް ހީކުރަމުން ނުހާ ހިނގައިގަތީ ކޮޓަރިއަށް ދިއުމަށެވެ.
***
"ޝައި ވަރަށް ފޫހިވޭ މީހުން ގިނަ ތަންތަނަށް އަންނަން މިހާރު" ސުމާގެ ކަންފަތް ބުޑުގައި ޝައިލާ ބުނެލިއެވެ. އިވެމުންދިޔަ މިއުޒިކްގެ އަޑާއި މީހުންގެ ހުނުމާއި ވާހަކަ ދައްކާ އަޑު ހުރީ މަސްހުނިވެފައެވެ. މިހުރިހާ އަޑުތަކަކެއްގެ ސަބަބުން ޝައިލާ ހުރީ ވަރަށް އުނދަގޫވެފައެވެ.
ޝައިލާ އާއި ސުމާ ހުއްޓިލައިގެން ތިބީ ރާނބާ ރެސްޓޯރެންޓްގެ ދެވަނަ ފަންގިފިލާގައެވެ. މިރެއަކީ ސުމާ އަށް ވަރަށް ހާއްސަ ރެއެކެވެ. މިރެއަކީ ސުކޫލު ދައުރުގައި ސުމާ އާއި އެއް ކުލާހެއްގައި ކިޔެވި އަހުލާމްގެ ކައިވެނީގެ ރެއެވެ. ސުމާ ހުރީ ވަރަށް ރީތި ވެލައިގެންނެވެ. މުށި ކުލައިގެ މެކްސީ ހެދުމެއް ލައިގެން ހުރި އިރު މޫނު މަތީގައި ކޮށްފައި ވަނީ ފަނޑު މޭކަޕެކެވެ. އިސްތަށިގަނޑު ދެފަރާތުން ކޮނޑުމައްޗަށް ވައްޓާލައިފައި އޮތްއިރު ބޮލުގައި އަޅާފަތް އޮތް މާޖެހި ބޭންޑުގެ ސަބަބުން ބަލައިލަން ވަރަށް ހިތްގައިމެވެ.
މި ޕާޓީއަށް ޝައިލާ ގޮވައިގެން އައީ ޝާއިރާ އެދުމުންނެވެ. ފަހަތުން ޒާނާ ވެސް އަންނަން އުޅުނެވެ. ނަމަވެސް ޒާނާ ގެންނަން ސުމާ ބޭނުން ނުވީއެވެ. އެކަމާ ޝަހާމާ ހުރީ ހިސާބަކަށް ހިތްހަމަނުޖެހިފައެވެ.
ސުމާ އާއި އެކީ ސީއެޗްއެސްސީގައި އެއް ކުލާހެއްގައި އުޅުނު ހުރިހާ ކުދިން ހަމަވުމުން އެންމެން ދިޔައީ ކައިވެނި ކުރެވުނު ދެމީހުންނާއި އެކީ ފޮޓޯ ނަގާށެވެ. އެކަނިވުމުން ޝައިލާ އިށީނީ ތަންކޮޅެއް ދުރުގައި ހުރި މޭޒެއް ކައިރީއެވެ. މިކަހަލަ ޕާޓީއަކަށް ޝައިލާ މިއައީ ވަރަށް ދުވަސްކޮށްފައެވެ. ލައިގެން އިން ގަޔަށް ދޫ، އަތްދިގު ގޮޅިޖެހި ގަމީހުގެ އަތް ކުޑަކޮށް މައްޗަށް ޖައްސައިލަމުން، ޝައިލާ ފޯނު ނަގައި ކުޅެން ފެށިއެވެ.
"ހައި" އިވެމުން ދިޔަ އަޑުތަކުގެ ތެރެއިން ޝައިލާގެ ކަންފަތުގައި ޖެހުނު އަޑުން އިސްއުފުލައި ބަލައިލެވުނެވެ. އެވަގުތު ޝައިލާގެ މޫނުމަތީގެ ކުލަވަރުވެސް ބަދަލުވެގެން ދިޔައެވެ. އެއީ ކާކުކަން ޝައިލާ އަށް ވަގުތުން އެނގުނެވެ.
"އޯކޭތަ އަހަރެން މިތާ އިށީނަސް؟" އެޒުވާނާ އަހައިލިއެވެ. ޝައިލާ އޭރުވެސް އިނީ އެޒުވާނާގެ މޫނަށް ބަލާށެވެ. ޕާޓީގައި ދިއްލިފައި ހުރި އޮރެންޖް އަލިން އެޒުވާނާގެ މޫނު ދިޔައީ ވިދަމުންނެވެ. ހީވާ ހީވުމަށް އެއީ ހަމުގެ ކުލަ އަލި ޒުވާނެކެވެ. ހެޔޮވަރު އިސްކޮޅެއްގެ ވެރި އެޒުވާނާގެ ހަށިގަނޑަކީ ރީތިވަރަކަށް ހުރި ހަށިގަނޑެކެވެ. ބާމަތި އެހާ ފުޅާ ނޫނަސް އެއީ ވަރުގަދަ ހަށިގަނޑެއްކަން އިނގެއެވެ. ހެޔޮވަރު ވަރަކަށް ދިގުކޮށްލާފައި އޮތް އެ ބުޅި އިސްގަނޑު އައްސައިލެވޭވަރަށްވުރެ ކުރެވެ. ހިނިތުންވެލައިގެން ހުރިއިރު އެންމެ ބޮޑަށް އަޅައިގަނެވުނީ ދެކޮލަށް އެޅިފައި ހުރި އަޑިކޮޅެވެ.
ޒުވާނާގެ މޫނަށް ބަލަން އިން ޝައިލާ އެއިންގޮތަށް އިންދައި އެޒުވާނާ އަނެއްކާވެސް އިށީނުމުގެ ހުއްދައަށް އެދުނެވެ. ބުނާނެ އެއްޗެއް ނޭންގުމުން ޝައިލާ އިސްޖަހައިލުމަށްފަހު ފޯނަށް ނަޒަރު ހިންގައިލިއެވެ.
ޝައިލާ ސިއްސައިގެން ދިޔައީ އެޒުވާ އެތަނުގައި އިށީނުމުންނެވެ. އޭނާ ވެސް އިށީނުމަށްފަހު އިނީ ފޯނަށް ނަޒަރު ހިންގައިގެންނެވެ. ނަމަވެސް އަވަސް އަވަހަށް ޝައިލާގެ މޫނަށް ބަލައިލައެވެ. އެކަން ޝައިލާ އަށް ފާހަގަވުމުން އެޒުވާނާގެ މޫނަށް ބަލައިލިއެވެ. އެވަގުތު ދެމީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ.
"މީ ނަޒާން" އެންމެފަހުން ނަޒާން ބުނެލިއެވެ. ޝައިލާ ހިންދިރުވައިލިއެވެ. ޝައިލާގެ ހިތް ބިރުގަންނަން ފެށިއެވެ. މޫނުމަތިން ދާހިއްލަން ފެށީ ކިހިނެއް ކަމެއް ވެސް ނޭންގުނެވެ.
"އާރ ޔޫ އޯކޭ؟" ޝައިލާގެ މޫނުމަތީގެ ކުލަވަރު ފެނުމުން ނަޒާން އަހައިލިއެވެ. ޝައިލާ އަނެއް ފަރާތަށް މޫނު އަނބުރައިލިއެވެ.
"އައިމް ސޮރީ... އައި ޝުޑް ގޯ" ނަޒާން އެތަނުން ދާން ހިނގައިގަތެވެ. ނަމަވެސް އެއްޗެއް ފެނުންހެން ހީވުމުން ޝައިލާގެ އަތައް ބަލައިލިއެވެ. އެޔާއި އެކީ ނަޒާންގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. އެއީ ހަމަ އެ ކެވެލިކޮޅެވެ. ހިންދިރުވައިލުމަށްފަހު ނަޒާން ދެން ބަލައިލީ ޝައިލާގެ މޫނަށެވެ. ނަޒާނަށް ސިހުމެއް ލިބުނީ ޝައިލާގެ އެ ތޫނު ބޮޑު ދެލޮލުން އޭނާއަށް ބަލަން އިނުމުންނެވެ.
"ޝައި އާދެބަލަ ފޮޓޯ...." ޝައިލާ ބަލާ އައި ސުމާ ހުއްޓުން އެރީ ފެނުނު މަންޒަރުންނެވެ. ގޮނޑީގައި އިށީންދެ އިން ޝައިލާގެ ނަޒަރު ވަނީ ކޮޅަށް ހުރި ޒުވާނަކަށް ހުއްޓިފައެވެ. އެޒުވާނާ ވެސް ހުރީ ޝައިލާގެ މޫނަށް ބަލަހައްޓައިގެންނެވެ. ވާނުވާ ނޭންގޭ ހާލު ސުމާ އައިސް ޝައިލާގެ ކޮލުގައި ޖަހައިލިއެވެ. ލިބުނު ސިހުމާއި އެކީ ޝައިލާ ދެން ބަލައިލީ ސުމާގެ މޫނަށެވެ.
މަންޒަރު ބަލަން ހުރި ނަޒާން އަނެއްކާވެސް ސިހުނީ ހަމަ އެކަހަލަ ކެވެލިކޮޅެއް ސުމާގެ އަތުން ވެސް ފެނުމުންނެވެ. ދެމީހުންގެ މޫނަށް ބަލައިލުމަށްފަހު ނަޒާން އަވަހަށް އެތަނުން ދާން ހިނގައިގަތެވެ. ނަޒާންގެ ހިތުގައި ވަނީ އެންމެ ސުވާލެކެވެ. އެއީ ކާކުގެ ކެވެލިކޮޅެއް ހެއްޔެވެ؟
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް