ނ. މަނަދޫގައި ބޭއްވި ފަސްވަނަ ޤައުމީ އަދަބީ ޢީދު، 'މިލަދެކުނު އަދަބީ ޢީދު 2019'ގެ ނިންމުމުގެ ޖަލްސާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ޝަރަފްވެރިކޮށްދެއްވައިފިއެވެ.
އަދަބީ ޢީދަކީ ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚަށް ދަރިވަރުންނާއި އާންމުން ހޭލުންތެރިކުރުވައި، އެ ކަންކަމަށް އޮންނަ ޝައުޤުވެރިކަމާއި ލޯބި އިތުރުކުރުމުގެ މަޤްޞަދުގައި ދިވެހި ބަހުގެ އެކެޑަމީން ބާއްވަމުން އަންނަ އަދަބީ ޙަރަކާތެކެވެ.
ރޭ މަނަދޫ ބަނދަރު ސަރަޙައްދުގައި ބޭއްވި މި ޖަލްސާގައި، ރައީސް ވަނީ މި އަދަބީ ޢީދުގެ އެކި މުބާރާތްތަކުން އެއް ވަނައަށް ދިޔަ ދަރިވަރުންނާއި ސްކޫލްތަކަށް ހަނދާނީ ލިޔުމާއި އިނާމު ހަވާލުކޮށްދެއްވާފައެވެ. އަދި މި އަދަބީ ޢީދުގައި ތަރި ލިބުނު ސްކޫލުތަކަށް ވެސް ރައީސް ވަނީ އިނާމު ދެއްވައިފައެވެ.
ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނާއި، ދިވެހިބަހާއި ތާރީޚަށް ލޯބިކުރައްވާ ގިނަ އަދަދެއްގެ ބޭފުޅުން މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ
މި އަދަބީ ޢީދުގައި ކުރިޔަށްގެންދިޔަ ބައެއް ހަރަކާތްތަކުގެ ތެރޭގައި ތުއްތުކުދިންގެ ސަގާފީ ހަވީރަކާއި، ޚާއްސަ ފޮތް މައުރަޒަކާއި، ޅެންވެރިކަމުގެ ހުނަރު ދަސްކޮށްދިނުމާއި، ސަރުކާރުގެ މުއައްސަސާތަކަށް ދިވެހިބަސް ހެޔޮގޮތުގައި ދަސްކޮށްދިނުމާއި، ދަރިވަރުންނާއި މުދައްރިސުންނަށް ވާހަކަދެއްކުމުގެ ހުނަރުދަސްކޮށްދިނުން ހިމެނެއެވެ.
މިފަހަރުގެ އަދަބީ ޢީދުގައި ކުރިއަށްދިޔަ އެކިއެކި އަދަބީ މުބާރާތްތަކުގައި ނ. އަތޮޅުގެ 10 ރަށެއްގެ 10 ސްކޫލަކުން ޖުމްލަ 200 އަށްވުރެ ގިނަ ދަރިވަރުންނާއި އަދި އާންމުންގެ ތެރެއިން 19 މީހުން ބައިވެރިވެފައިވެއެވެ.
މި ޢީދަކީ މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް މަނަދޫގައި ކުރިއަށްގެންދިޔަ އަދަބީ ޢީދެކެވެ. މީގެ ކުރިން މި އަދަބީ ޢީދު ބާއްވާފައިވަނީ ގއ، ގދ، ޅ އަދި މ އަތޮޅުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް