ބަންގްލަދޭޝްގެ ބަންގަބަންދު ސްޓޭޑިއަމްގައި މިރޭ ކުޅެވުނު ފައިނަލް މެޗު 2-1 އިން ކާމިޔާބުކޮށް ދިވެހިރާއްޖެ ސާފް ސުޒުކީ ކަޕްގެ ތަށި އުފުލާލައިފިއެވެ.
މިއީ ދިވެހިންނަށް ސަރަހައްދީ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރެވުނު ދެ ވަނަ ފަހަރެވެ. ސާފް ޗެމްޕިއަންޝިޕްގެ ތަށި ދިވެހިން ފުރަތަމަ ހޯދީ މީގެ 10 އަހަރު ކުރިން 2008 ވަނަ އަހަރުގައެވެ. އެ ފަހަރުން ވެސް ދިވެހިން ފައިނަލުން މޮޅުވީ ސަރަހައްދުގެ ގަދަބާރު އިންޑިޔާއާ ވާދަކޮށެވެ.
މިފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ލަންކާއާ އެއްވަރުވެ، އިންޑިޔާ އަތުން ބަލިވެ، ގުރު ކާމިޔާބު ކޮށްގެން ސެމީއަށް ދިޔަ ނަމަވެސް، ސެމީ ފައިނަލުގައި ދިވެހި ޓީމުގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މިރޭގެ ފައިނަލް މެޗު ވެސް، ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ދިވެހި ޓީމުން ފެށީ މޮޅު ކުޅުމާއި، ހިތްވަރާއި ފޯރީގައެވެ.
ގްރޫޕް ސްޓޭޖްގައި 2-0 އިން އިންޑިޔާ އަތުން ބަލިވި މެޗާ ހިލާފަށް ދިވެހި ޓީމުން ވަނީ ރޭވުންތެރިކަމާއެކު، ރަނގަޅު ޕާސިން ގޭމެއް ކުޅެ އިންޑިޔާއަށް ނުރައްކާ ކޮށްފައެވެ. ނަތީޖާއަކަށްވީ 19 ވަނަ މިނިޓުގައި ދިވެހިރާއްޖެއަށް ލީޑު ލިބުމެވެ. ނާއިޒް ހަސަން (ދާދު) ދިން ބޯޅައަކަށް އަރައި، އިބްރާހިމް މަހުދީ ހަސަން (ފޭދޫ އިއްބެ) ބޯޅަ ގޯލަށް ފޮނުވާލީ ކީޕަރުގެ ބޯމަތިންނެވެ. ރާއްޖެއިން ލީޑު ނެގުމަށް ފަހު އިންޑިޔާއިން ކުޅުން ރަނގަޅު ކުރި ނަމަވެސް ރާއްޖެއިން ވަރަށް ރަނގަޅު ޑިފެންސިވް ގޭމެއް ވެސް ވަނީ ކުޅެފައެވެ. ކެޕްޓަން އަކްރަމް އަބްދުލްގަނީއަށް އަނިޔާވެ ފުރަތަމަ ހާފުގައި ދަނޑުން ފައިބާން ޖެހުނު ނަމަވެސް ޓީމުގެ ޑިފެންޑަރުން ވަނީ އަކޫ ނެތްތަން ފެނުނަ ނުދިނުމަށް ބުރަކޮށް މަސައްކަތް ކޮށްފައެވެ.
ދެ ވަނަ ހާފު ފެށިގެން ދެ ޓީމަށް ވެސް ލަނޑު ޖަހަން ފުރުސަތުތަކެއް ލިބެމުން ދިޔައިރު، ދިވެހިރާއްޖެއަށް ލީޑު ފުޅާކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. ކައުންޓަރ އެޓޭކްއެއްގައި ދުއްވާލި ތުރޫ ބޯޅައަކަށް ދުވެ ސެންޓޭ ވަނީ، ބޯޅައަށް ނުކުމެ ނުކުމެ ހުރި އިންޑިޔާގެ ކީޕަރަށް ފުރުސަތެއް ނުދީ ބޯޅަ ތިރިތިރިން ކަނަށް ފޮނުވާލާފައެވެ.
މެޗުގެ އިތުރު ވަގުތުގައި އިންޑިޔާއިން ފަސޭހަ ލަނޑެއް ކާމިޔާބު ކުރި ނަމަވެސް، ނަތީޖާ ހަމަހަމަކޮށްލުމަށް އެ މީހުން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ.
މިއީ ބަންގްލަދޭޝްގެ ޑާކާގައި 2003 އަދި 2009 ގެ ފައިނަލުން ބަލިވި ބަލިވުމަށް ދިވެހިން ގެނައި ނިމުމެކެވެ. އަދި އިންޑިޔާ އަތުން ގްރޫޕް ސްޓޭޖްގައި ބަލިވި ބަލިވުމުގެ ރަނގަޅު ބަދަލު ހިފުމެއް ވެސްމެއެވެ.
މެޗަށް ފަހު ގައުމީ ކޯޗު ސެގާޓް ބުނީ ގައުމީ ޓީމަކީ ދިވެހިންގެ ފަޚުރުކަމަށާއި، މި މެޗުން މޮޅު މި ވެވުނީ ބުރަ މަސައްކަތުން ކަމަށެވެ. އަދި މެޗުގެ ކުރިން އެތައް ފަހަރެއްގެ މަތީން އިންޑިޔާގެ ކުޅުން (ވީޑިޔޯއިން) ބަލައި ދިރާސާ ކުރިކަމަށް ވެސް ކޯޗު ވަނީ ބުނެފައެވެ.
ދިވެހި ގައުމީ ފުޓްބޯޅަ ޓީމު ފަޚުރުވެރި ކާމިޔާބީއަކާއެކު ދިވެހިން ހެއްވާލިއިރު، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ގައުމީ ޓީމުގެ ގޯލް ކީޕަރ ފައިސަލް އަށެވެ. މިއީ ދިވެހި ކީޕަރަކަށް މި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނު ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް