ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައިވާ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދީފި އެވެ.
އިލްހާމްގެ އާއިލާގެ ބޭފުޅަކު ދުވަހަށް މައުލޫމާތު ދެމުން ވިދާޅުވީ އިލްހާމަށް ފަރުވާދިނި ޖަލުގެ ފާޚާނަތެރެއަށް ކައްސާލައިގެން ވެއްޓި އަތަށް ތަދުވެގެން ކަމަށެވެ. ޑޮކްޓަރުންނާއި ހަވާލާދީ އޭނާ ވިދާޅުވީ އިލްހާމްގެ އަތަށް ކޮންމެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
އެގޮތުން ކަނާއަތުގެ ޓިޝޫތަކެއް ހަލާކުވެފައި ހުރިކަމަށް ޑޮކްޓަރުން ބުނި ކަމަށް އިލްހާމްގެ އާއިލާއިން މައުލޫމާތުދެއެވެ. ފަރުވާ ދިނުމަށް ފަހު އޭނާ ވަނީ އަނބުރާ ޖަލަށް ގެންގޮސްފައި އެވެ.
އިލްހާމް ޝަރީއަތް ނިމެންދެން ޖަލަށް ލާފައިވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައި އެވެ. އެ ދައުވާ އިލްހާމްގެ މައްޗަށް އުފުލީ ރައިސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި އެވެ.
އިލްހާމްގެ އިތުރުން ހުކުމް ތަންފީޒު ކުރައްވަމުން ގެންދާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނަށް ފަރުވާ ދިނުމަށް މިއަދު އައިޖީއެމްއެޗަށް ގެންދިޔަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް