ނަތީޖާ ސާފު، އަޣްލަބިއްޔަތު ލިބޭނީ ރައީސް ޔާމީނަށް- ޑރ.ޝަހީމް

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ނަތީޖާ ވަރަށް ސާފުކަމަށާއި އެއީ އަޣްލަބިއްޔަތުން ރައީސް ޔާމީން އިންތިޚާބު ކާމިޔާބުކުރެއްވުން ކަމަށް ޕީޕީއެމްގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖ...

15 Aug 2018 | 18:24

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ނަތީޖާ ވަރަށް ސާފުކަމަށާއި އެއީ އަޣްލަބިއްޔަތުން ރައީސް ޔާމީން އިންތިޚާބު ކާމިޔާބުކުރެއްވުން ކަމަށް ޕީޕީއެމްގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ފުވައްމުލަކު ގައި މިހާރު ކުރިޔަށްގެންދާ ކެމްޕޭންގެ ހަރަކާތްތަކުގެ ތެރެއިން އެންމެ ފަހު ހަރަކާތެއްގެ ގޮތުގައި ކުރިޔަށްގެންދިޔަ ސައިކަލް ބުރު ނިންމަވާލެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ޑރ.ޝަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީން އިންތިޚާބު ކާމިޔާބުކުރާނީ ވޯޓުއޮޅުވާލައިގެން ކަމަށް ބުނަމުން ދިޔަނަމަވެސް މަންޒަރު ވަރަށް ސާފުކަމަށެވެ.

" އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ ރައީސް އަބްދުﷲ ޔާމީން އިންތިހާބު ކާމިޔާބު ކުރާނީ ވޯޓު އޮޅުވާލައިގެނޭ. އަޅުގަނޑު ދަންނަވާނީ މިއޮތިއްޔޭ ރާއްޖޭގެ ކަންކޮޅުތަކުން ފެންނަ މަންޒަރު. އިންތިހާބުގެ ނަތީޖާ ވަރަށް ސާފޭ. އެއީ އަބްދުﷲ ޔާމީން އިންތިހާބު ކާމިޔާބު ކުރުން." ސައިކަލް ބުރުގައި ބައިވެރިވި އެތައް ސަތޭކަ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ޑރ.ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް ވިދާޅުވީ ޕީޕީއެމްއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީކަމަށާއި ޕީޕީއެމްގެ ސަފުތައް އޮތީ ބަދަހިކޮށް ކަމުގައެވެ. އަދި މިސަފުތައް ބަދަހިކޮށް އޮތްހާ ހިނދަކު އެޕާޓީ ބަލިނުކުރެވޭނެކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ. އަދި ފުވައްމުލަކުން ފެނިގެންމިދިޔަ ލަޝްކަރު ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް ފެނިގެންދާނެކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

ފުވައްމުލަކަށް ކުރައްވާ ފަސް ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާދަމާ ޑރ.ޝަހީމް ގދ. ތިނަދޫއަށް ކެމްޕޭން ކުރެއްވުމަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެމްޑީޕީގެ މެޖޯރިޓީ އޮންނަ ގދ ތިނަދޫގެ ރައްޔިތުންގެ ހިތްތައްވެސް ފަތަހަ ކުރައްވާނެކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ. ތިނަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ޚާއްސަކޮށް ތިނަދޫގެ އިސްރަށްވެހިންނާއި ޒުވާނުންނާ ބައްދަލުކުރައްވާނެކަމަށް ޑރ.ޝަހީމް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް