މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދަށް، ގެނައި އިސްލާހާއެކު ކުށްވެރިންނަށް އަދަބު ދިނުމުގެ ބައެއް ޝަރުތުތައް ލުއިކޮށްދީފިއެވެ.
އެގޮތުން މިހާރު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރެވިފައިވާ ޤަވާއިދުގެ ދަށުން މިހާ ހިސާބަށް ޝަރީޢަތުގައި އެމީހަކުގެ މައްޗަށް ދަޢުވާކުރެވި، ޙުކުމް ނުކުރެވި ހުރި މައްސަލަތަކުގެ ސަބަބުން، އަފްޢާމްގެ ފުރުޞަތު ލިބިފައިނުވާ މީހުންގެ ތެރެއިން، ޝަރީޢަތުގެ މަރުޙަލާގައި މައްސަލަތައް ދިގުލާފައިވާ މީހުންގެ މައްސަލަތަކަށް ލުޔެއް ލިބިގެންދާނެއެވެ. އަދި މި އިޞްލާޙުގެ ދަށުން ލުއި ލިބިގެންދާނީ، ޝަރީޢަތުގައި އެމީހަކުގެ މައްސަލަ ނުނިމި އަހަރަކަށްވުރެ ގިނަދުވަސްވެފައިވާ ފަރާތްތަކަށެވެ. އެހެން ނަމަވެސް އެމީހަކުގެ މައްޗަށް ދަޢުވާކުރެވި ނުނިމިވާ މައްސަލައަކީ، މީހުން މެރުން، ކުޑަކުދިންނާމެދު ބަދުއަޚްލާޤީ ޢަމަލުހިންގުން، ޖިންސީ ކުށް އަދި މާރާމާރީ ފަދަ ބޮޑެތި ކުށްތަކުގެ ދަޢުވާ އުފުލިފައިވާ އެއްވެސް މީހަކަށް މި އިޞްލާހުގެ ދަށުންވިޔަސް އެއްވެސް ލުޔެއް ނުލިބޭނެކަމަށް މިޤަވާއިދު ބުނެއެވެ.
މި އިޞްލާޙު ގެނެވުނީ، މިއަހަރުގެ މިނިވަންދުވަހާ ދިމާކޮށް، ޙުކުމްކޮށްފައި ތިބިމީހުންގެ ތެރެއިން، ޤާނޫނާއި ގަވާއިދުގެ ދަށުން ލުޔެއްދެވޭނޭ ބާވަތުގެ ކުށުގެ ޙުކުމް ތަންފީޛުކުރަމުންދާ މީހުންގެ ތެރެއިން ޙުކުމުގެ ލުޔެއްދެވޭނޭ މީހުންނަށް ލުޔެއްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމާ ގުޅިގެން، މި މައްސަލައަށް ރިޢާޔަތްކޮށް، ގިނަ ފަރާތްތަކުގެ ޝަކުވާ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ހުށަހެޅިގެން ދިޔުމުން، މިކަން ބެލިއިރު، މިކަން އިޞްލާޙުނުވެ އޮތުމުން، އެމީހެއްގެ އިހުމާލެއްނެތި، ޤާނޫނާއެއްގޮތަށް ޙުކުމުގެ ލުއި ލިބުމުން ގިނަ ބަޔަކު މަޙުރޫމް ވަމުންދާތީ، މި މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުންކަމަށް ރައީސް އޮފީހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް