އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ގިނަ ތުހުމަތުތަކެއްކޮށް، އެ ކޮމިޝަން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ހާޒިރުކޮށްދޭން އެދިއްޖެ އެވެ.
އެ ކޮމިޝަން ކޮމިޓީއަށް ހާޒިރުކޮށްދޭން އެދިފައިވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ(އިންތި)އެވެ.
އެކަމަށްއެދި އެ ކޮމިޓީގެ މުގައްރިރު އަލީ ސަލީމަށް ފޮނުއްވާފައިވާ ސިޓީގައި އިންތި ވިދާޅުވެފައިވަނީ 23 ސެޕްޓެމްބަރު 2018 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ މިނިވަންކަމާއި އިންސާފުވެރިކަން ގެއްލިގެންދާ ވަރަށް ގިނަ ކަންތައްތަކެއް ހިނގަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.
"އެ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމުގެ ގާނޫނީ މަސްއޫލިއްޔަތު އިލެކްޝަންސް ކޮމިޝަނުން އުފުލަންޖެހޭއިރު، އިލެކްޝަންސް ކޮމިޝަނަކީ ގިނަ ސިޔާސީ ޕާޓީތަކާއި އާންމު ރައްޔިތުންގެ އިތުބާރު ވަރަށްބޮޑަށް ގެއްލިފައިވާ މުވައްސަސާއެއްކަން ފާހަގަކުރެވިފައިވޭ" އިންތިގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
އިލެކްޝަންސް ކޮމިޝަން މިހާރު މިއޮތް އަބްދުﷲ ޔާމީނުގެ ސަރުކާރަށް ގާނޫނާ ހިލާފަށް އެކި ގޮތްގޮތުން ސިޔާސީ މަންފާލިބޭގޮތަށް އަމަލުކުރަމުން ދާކަމަށާއި އަދި ސަރުކާރަށް ތާއީދު ނުކުރާ ސިޔާސީ ޕާޓީތަކުގެ ސިޔާސީ ހަރަކާތްތަކަށް އެކި ގޮތްގޮތުން ހުރަސްއަޅައި، އިންޒާރުތައްދީ، ހުއްޓުވަމުންދިއުމާއި، އަދި މީގެ ކުރިން އަމަލުކުރަމުންދިޔަ ގޮތްތައް ބަދަލުކޮށް، އިންތިހާބާ ދިމާކޮށް އެހެން ގޮތްތަކަށް އަމަލުކޮށް، އަދި ރީ-ރެޖިސްޓްރޭޝަން ކުރުމުގައި އެތަކެއް މައްސަލަތައް ކުރިމަތިކުރުވައި، އިތުބާރު އެއްކޮށް ގެއްލޭގޮތަށް އިލެކްޝަންސް ކޮމިޝަނުން އަމަލުކޮށް، އިންތިހާބު އޮޅުވާލައި، ގަޑުބަޑުކޮށް، ރައްޔިތުންގެ ވޯޓުލުމުގެ ހައްގަށް އަރައިގަތުމުގެ އެތަކެއް އަމަލެއް ހިންގަމުންދާކަން ފާހަގަކުރެވޭކަމުގައިވެސް އިންތިގެ ސިޓީގައި ވެ އެވެ.
އެ ސިޓީގައި އިތުރަށް ވިދާޅުވެފައިވަނީ 23 ސެޕްޓެމްބަރު 2018 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބާ ގުޅޭ ކަންކަމުގައި އިލެކްޝަންސް ކޮމިޝަން އަމަލުކުރަމުންދާ ގޮތްތަކާއިމެދު ސުވާލުކުރުމަށާއި، އިލެކްޝަންސް ކޮމިޝަން ޖަވާބުދާރީ ކުރުވުމަށްޓަކައި، އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ތިޔަ ކޮމިޓީއަށް އަވަސް ފުރުސަތެއްގައި ހާޒިރުކުރައްވައިގެން ތިޔަ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިދެއްވުމަށް ހުށަހަޅާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް