މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ " ނޫސްވެރިކަމުގެ އިނާމު" އަށް ނަން ހުށަހެޅުމުގެ ފުރުސަތު އެކައުންސިލުން ހުޅުވާލައިފިއެވެ. ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ސެޕްޓެމްބަރ މަހުގެ 10 ވާ ހޯމަދުވަހުގެ 13:30 ގެ ކުރިންނެވެ.
ނޫސްވެރިކަމުގެ އިނާމު ދިނުމަށް 8 ދާއިރާއަކުން ވަނީ ހުޅުވާލާފައެވެ. އެ ދާއިރާތަކަކީ އިޖުތިމާޢީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުޢީ އަދި ޤާނޫނީ ދާއިރާ،ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، ފޮޓޯ ޖާނަލިޒަމްގެ ދާއިރާ، ވީޑިއޯ ޖާނަލަޒިމްގެ ދާއިރާގެ އިތުރުން ފީޗަރ ލިޔުމުގެ ދާއިރާއެވެ. މީގެއިތުރުން އެހެން އަހަރުތަކެކޭ އެއްގޮތަށް އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިއިނާމު ތަކަށް ކުރިމަތިލާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމް އަދި އެންމެ އުންމީދީ ނޫސްވެރިޔާއަށް ނަން ހުށަހަޅާ ފޯމުންކަމަށް މީޑިޔާ ކައުންސިލުން ބުނެއެވެ. މިއިނާމަށް ހުށަހެޅޭނީ ފާއިތުވެދިޔަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހާ ދެމެދު އެނޫސްވެރިޔަކު ލިޔެ ނުވަތަ އުފައްދާ ނުވަތަ ތައްޔާރުކޮށް މީޑީޔާގައި ޝާޢިއުކޮށްފައިވާ ނުވަތަ ބްރޯޑްކާސްޓްކޮށްފައިވާ ތަކެއްޗެވެ. އެގޮތުން ފޮޓޯ ޖާނަލިޒަމް އާއި ވީޑިއޯ ޖާނަލިޒަމް އަދި ފީޗަރ ލިޔުމުގެ ދާއިރާ ނޫން ދެންހުރި ދާއިރާތަކުން ކޮންމެ ދާއިރާއަކުން 7 އުފެއްދުމެއް ހުށަހެޅިދާނެކަމަށް އިނާމު ދޭ އުސޫލުގައި ބަޔާންވެގެން ވެއެވެ. ފޮޓޯ ޖާނަލިޒަމްގެ ދާއިރާއިން ނަމަ ޝާއިއުކޮށްފައިވާ 10 ފޮޓޯ ޝާއިއު ކުރެވުނުއިރު އޮތް ކެޕްޝަނާއެކު ހުށަހެޅިދާނެއެވެ. އަދި ވީޑިއޯ ޖާނަލިޒަމްގެ ދާއިރާއިން ނަމަ 7 ވީޑިއޯ ހުށަހެޅިދާނެއެވެ. ފީޗަރ ލިޔުމުގެ ދާއިރާއިން ނަމަ 5 އުފެއްދުން ހުށަހެޅިދާނެ ކަމަށް އުސޫލުގައި ބަޔާންވެގެން ވެއެވެ.
ނޫސްވެރިކަމުގެ އިނާމަކީ 2015 ވަނަ އަހަރު މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭން ފެށި އިނާމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް