ގާދޫ ރައްޔިތެއްގެ އުދާސް މެމްބަރު އަބްދުއްރަހީމަށް

ކުދި ރަށްތައް އެއްފަސްކުރުމުގެ ސިޔާސަތަކީ ގާދޫގެ ބޮޑުބައެއް ތާއީދުކުރި ސިޔާސަތެކެވެ. އެހެންކަމުން އެކަމާ ގާދޫ މީހުންގެ މާބޮޑު ޝަކުވާއެއްނެތި ލ ފޮނަދުއަށް ބަދަލުވީއެވެ. އެހެންނަމަވެސް އުމުރުދުވަހު މީހާ...

15 Aug 2018 | 04:21

ކުދި ރަށްތައް އެއްފަސްކުރުމުގެ ސިޔާސަތަކީ ގާދޫގެ ބޮޑުބައެއް ތާއީދުކުރި ސިޔާސަތެކެވެ. އެހެންކަމުން އެކަމާ ގާދޫ މީހުންގެ މާބޮޑު ޝަކުވާއެއްނެތި ލ ފޮނަދުއަށް ބަދަލުވީއެވެ. އެހެންނަމަވެސް އުމުރުދުވަހު މީހާ ހޭދަކުރި ރަށް، ހިތުގައި ބިންވަޅުނެގިފައިވާ މަވެތި ވަޒަން ދޫކޮށް ދިއުމަކީ ކިހާވަރެއްގެ ކަމެއްކަން އިހުސާސްކުރެވޭނީ އެކަން ކޮށްފައިތިބި ބަޔަކަށެވެ.

ކޮންމެއަކަސް ސަރުކާރުން ގެންގުޅޭ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން އަހަރުމެން މިތިބީ ފޮނަދޫގައެވެ. ފޮނަދުއަށް ބަދަލުކުރެވުނުއިރު ފޮނަދޫގެ ދެކޮޅުގައި ގެ އަޅާ ގާދޫ މީހުންގެ ގާދޫވަންތަކަން ނުވަތަ އަޚުވަންތަ، އެއްބައެއްވަންތަކަން ދެމެހެއްޓުމަށް ބޮޑު ގޮންޖެހުމަކަށްވީ އެއްބަޔަކު ކުރިގަމުކޮޅަށް އަނެއްބަޔަކު ބަރާސިލުކޮޅަށް، ފޮނަދޫގެ ދެކޮޅަށް އަޅާލުމެވެ.

ބޮޑު ރަށެއްގެ ދެކޮޅަށް އަޅާލުމުގެ ނަތީޖާއަކަށްވީ މުސްކުޅި މަންމައާއި ތިމާގެ މީހުން ރަށުގެ ދެކޮޅަށް އަޅާލުމުން ބައްޕަ ނުވަތަ މަންމަ މުސްކުޅިވީދުވަހު ހާލުބަލަން ބޭނުންކޮންމެ ފަހަރަކު ދެތިން ކިލޯމީޓަރަށް ދުއްވަންޖެހުމެވެ.

ގާދޫ މީހުންނަކީ ލާމު އަތޮޅުގައި އެންމެ ފުރަތަމަ ރައްޔިތުންގެ އިންޖީނުގެއެއް ހަދައި ކަރަންޓު ދީގެން އުޅެންފެށީ މީހުންނެވެ. ނޮވެމްބަރު ތިނެއް އިރުގައިވެސް ގާދޫ ރައްޔިތުންނަކީ ހޮޅިބުރި އަލީގައި އުޅެމުންއައި ބައެކެވެ. އެހެންކަމުން ފޮނަދުއަށް ބަދަލުކޮށް މަގުތައް އަނދިރިކޮށް ކަރަންޓުނެތި އުޅުމަކީ ގާދޫ މީހުންނަށް އުނދަގޫ ކަމަކަށްވިއެވެ. އެހެންކަމުން ގާދޫ ރައްޔިތުން ގާދޫ މަގުތަކުގައި ޖަހާފައިހުރި ހޮޅިދަނޑިތައް ފޮނަދުއަށް ގެނެސް ގާދޫ މީހުން ފޮނަދޫގައި އުޅޭ ސަރަހައްދުގެ މަގުތަކުގައި ޖެހީ ހޯދަންޖެހޭ ހުއްދައެއް ވިއްޔާ  ލިބިގެންނެވެ.

އެއަށްފަހު ހޮޅިދަނޑިތަކަށް ކަރަންޓުދިނުމަށް އެދެންޖެހޭ އިދާރާއެއްގައި އެދުމުން އެ އިދާރާއަކުން ބުނީ މެދު އަވަށުގައިވެސް މަގުތަކުގައި ކަރަންޓު ނެތި ގާދޫ މީހުންނަށް ކަރަންޓުދިނުމަކީ އިންސާފެއް ނޫންކަމަށެވެ. އޭގެ ދުވަސްތަކެއްފަހުން ފޮނަދޫ މަގުތަކުގައި ހޮޅިދަނޑި ޖަހައި ގާދޫ މީހުން އުޅޭ ހިސާބަށް އައިއިރު ހޮޅިދަނޑި ހުސްވީކަމަށްބުނެ ގާދޫ ރައްޔިތުން ބަރާސިލުގައި އުޅޭ ހިސާބަށް މަގުމަތީ ހޮޅިދަނޑި ޖެހޭވަރެއްނުވިއެވެ.

އެދުވަހު މެދުއަވަށުގައި ހޮޅިދަނޑި ނެތި ގާދޫ މީހުން ހޮޅިދަނޑިޖެހުން އިންސާފަކަށްނުވެ މިއަދު ފޮނަދޫ އެހެން ހުރިހާ މައި  މަގަކަށް ހޮޅިދަނޑި ޖެހި ގާދޫ މީހުން އުޅޭ ހިސާބަށް ނުޖެހުން އިންސާފަކަށްވެއްޖެއެވެ.

ގާދޫ ރައްޔިތުން ގެނެސް ފޮނަދުއަށް ބަދަލުކުރިއިރު އެ ސަރަހައްދުގެ މަގުތައް ކިރިޔާ ވާރޭކޮޅެއް ވެހިލާއިރަށް ކަށިމަތީ ފެނަށް ބޮޑުވެއެވެ. އެކަން ބުނަންޖެހޭ އިދާރާއެއްގައި ބުނެގެން ހައްލެއް ހޯދައިނުދެވުމުން ގާދޫ ރައްޔިތުން ބަރޯގައާއި އެތަންމިތަނުން ވެލި އުފުލާ މަގުމަތި އެއްކޮށް ރީތިކުރިއެވެ.

ދުވަސްކޮޅެއްފަހުން ގާދޫ ބަރާސިލު ސަރަހައްދުގައިއުޅޭ ރައްޔިތުން އެސަރަހައްދުގަ ހުރަސްމަގު ލިންކްރޯޑާއި ހިސާބަށް ކަނޑާލަދިނުމަށް އެދެންޖެހޭ އިދާރާއެއްގައި އެތައް އާދޭހެއްކޮށް އެކަން ނުވުމުން އެ ސަރަހައްދު ރައްޔިތުން ނިކުމެ ކަތިވަޅިޔާއި ފުރޯ ބޭނުންކޮށްގެން މަގު ލިންކުރޯޑާއި ހިސާބަށް ކަނޑާލިއެވެ.

ގާދޫ މީހުންނަކީ މިހާރު މެމްބަރުކަމުގައި ހުރި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހޮވުމަށް ކަށިން ހިތްވަރުލާ މަސައްކަތްކުރި މީހުންނެވެ. އެހެންނަމަވެސް މިއަދާއިހަމައަށް އައިއިރުވެސް މެމްބަރު، ގާދޫ މީހުން އުޅޭ ސަރަހައްދުންކުރެ ސަރަހައްދަކަށްގޮސް ރައްޔިތުންގެ ހާލު ބަލާލެވުނުތޯ މެމްބަރާއި ސުވާލުކޮށްބަލާށެވެ. މިއަދު ގާދޫގެ ގިނަ ރައްޔިތުންތިބީ މާޔޫސްކަމުގައެވެ. އެހެންނަމަވެސް ގާދޫ ރައްޔިތުންގެ މަސައްކަތްތެރިކަމުން އެމީހުން ދިރިއުޅުމަށް ބޭނުންވާ އާމްދަނީ ހޯދާބައެއް ވީމާ ކައިގެން ބޮއެގެން އުޅޭވަރުވެއެވެ.

ސަރުކާރުން 10 ކެމްޕޭނާ ދިމާކޮށް 10 ބޯޅައާއި ވޮލީ ނެޓެއް ދީގެން ގުނބޯހެއްދޭ ޒަމާން މާޒީއާއެކު ގޮސްފިއެވެ. މިއަދު ގާދޫ ރައްޔިތުން ތިބީ ވަރަށް ހޭލާ އެވަގުތަކު ޖަހަންޖެހުނު ކާޑެއް ޖަހަން ދަސްކޮށްގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް