ކޮންޓްރެކްޓް އުސޫލުން މާލޭގެ ފަތާ ސަރަހައްދު ސާފު ކޮށްދޭނެ ފަރާތެއް ހޯދަން ޔޫތު މިނިސްޓްރީން އިއުލާން ކޮށްފި އެވެ.
މިކަން ހާމަކުރައްވާ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، މާލޭގެ ފަތާ ސަރަހައްދަށް ކުނި ޖަމާވާން ދިމާވާ އެންމެ ބޮޑު މައްސަލައަކީ އޮއިވަރަށް އަންނަ ބަދަލާއެކު ވަންނަ ކުނި ކަމަށެވެ. އަދި އެކަމަށް ދާއިމީ ހައްލެއް ހޯދުން އުނދަގޫ ވާނެ ކަމަށާއި، އެހެން ކަމުން ކޮންޓްރެކްޓް އުސޫލުން ފަތާ ޓްރެކް ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައި ވާކަމަށެވެެ.
"މި ކަމަކަށް ޖުމްލަކޮށް ހައްލެއް ލިބުމަކީ ދުރުކަމެއް. ހައްލަކީ ސްވިމިން ޕޫލް" މަހްލޫފް ކުރެއްވި ޓްވީޓްގައި ވެ އެވެ.
ޓްރެކް ސަރަހައްދު ސާފު ކުރުމަށް ޔޫތު މިނިސްޓްރީ އިން ކުރި އިއުލާނުގައި ބުނެފައިވަނީ، ދުވާލަކު އެއް ފަހަރު ދެ ޕްލެޓްފޯމް އަދި އެ ސަރަހައްދުގެ މޫދާއި އެއްގަމުގެ ބައިތައް ސާފު ކުރަން ޖެހޭނެ ކަމަށެވެ. އަދި، ސާފުތާހިރުކަން ދެމެހެއްޓުމަށް ދުވާލަކު އެއް ފަހަރަށްވުރެ ގިނައިން ކުނި ކަހައިގެން ވިޔަސް އެ ސަރަހައްދުގެ ސާފުތާހިރުކަން ދެމެހެއްޓުމަކީ މަސައްކަތާ ހަވާލުވާ ފަރާތުގެ ޒިންމާ އެއް ކަމަށެވެ. ކުނި ނެގުމާއި އުކާލުމުގެ މަސައްކަތް ކުރަން ވާނީ ކުނި އުކުމަށް ރާއްޖޭގައި ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ކަމަށްވެސް އިއުލާނުގައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް