ރޭ ކުޅެވުނު އެފްރިކަން ކަޕް އޮފް ނޭޝަންސް ގެ ސެމީ ފައިނަލް މެޗުން ޓިއުނީޝިއާ ބަލިކޮށް ސެނެގާލް ފައިނަލަށް ދަތުރު ކޮށްފިއެވެ. ރޭގެ މެޗުން ޓިއުނީޝިއާ ބަލިވީ ފުރިހަމަ ވަގުތު ހަމަވިއިރު ވެސް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެފައި ވަނިކޮށް، އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި އެ ޓީމުގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.
ރޭގެ ސެމީ ފައިނަލުން މޮޅުވެ ސެނެގާލް ފައިނަލަށް ދަތުރު ކުރިއިރު، މިއީ ސެނެގާލްއަށް އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލުން ޖާގަ ލިބުނު ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2002 ވަނަ އަހަރު ސެނެގާލް ފައިނަލްގައި ކުޅުނު ފަހަރު، އެ ގައުމު ކެމަރޫން އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.
ރައުންޑް އޮފް 16 އާއި ކުއާޓާ ފައިނަލްގައި 1-0 ގެ ނަތީޖާއިން ޔޫގަންޑާ އާއި ބެނިން ބަލިކުރި ސެނެގާލްގެ ފަރާތުން ރޭގައި ވެސް ފެނުނީ ވަރުގަދަ ޑިފެންސިވް ގޭމެކެވެ. އެ ޓީމުން މުޅި މެޗުގައި ވެސް ޓިއުނީޝިއާގެ ހަމަލާއެއް ގޯލަށް ވަނަ ނުދީ ހިފެހެއްޓިއިރު، ނަސީބު އަތުގައި ހިފީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޓިއުނީޝިއާގެ ބްރޮން އަތުން ބައިކޮޅަށް ވަން ލަނޑާއެކުގައެވެ.
ރޭގެ މެޗުގެ ފުރިހަމަ ވަގުތުގެ ދެ ވަނަ ހާފު ނިމެން ދަނިކޮށް، ސެނެގާލްގެ ހެންރީ ސައިވެޓް އަށް ރަނުގެ ފުރުސަތެއް ލިބި ވީ ބޭކާރެވެ. އަނެއްކޮޅުން، ދެ ޓީމަށް ވެސް މެޗުގައި ލިބުނު ޕެނަލްޓީ ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
އަންނަ ހުކުރު ދުވަހުގެ ރޭގަނޑު ރާއްޖެ ގަޑިން 12:00 ގައި ކުޅޭ ފައިނަލްގައި ސެނެގާލް ނުކުންނާނީ އަލްޖީރިއާ ދެކޮޅަށެވެ. އަލްޖީރިއާއިން ވަނީ ރޭ ކުޅުނު ދެ ވަނަ ސެމީ ފައިނަލްގައި 2-1 އިން ނައިޖީރިއާ ބަލިކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް