ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ ގެއްލުނު މައްސަލައިގާ މުޅި ދައުލަތުން ޒިންމާ ނަގަން ޖެހޭނެ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ޖަވާބުދާރީވަމުން، ސިދާތާ ވިދާޅުވީ ޝައިމް ގެއްލުނު މައްސަލައިގާ ޖެންޑާ މިނިސްޓްރީން ވަރަށް ބޮޑަށް ޒިންމާވާން ޖެހޭކަމުގައި ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގާ މުޅި ދައުލަތުން ޒިންމާ ނަގަންޖެހޭ ކަމުގައި ގަބޫލުފުޅު ކުރައްވާކަމުގައިވެސް ޝިދާތާ ވިދާޅުވިއެވެ.
ޝިދާތާ މި ޖަވާބު ދެއްވީ، މި މައްސަލައިގާ ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުކޮށްފައިވާއިރު ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މި މައްސަލައިގާ މިއަދު ޝިދާތާ ވިދާޅުވީ ޝައިމް ގެއްލުނު ހިސާބުން ޝައިމް ފެންނަންދެން ފުލުހުންނާއި ގުޅިގެން އެ މިނިސްޓްރީން މަސައްކަތް ކުރި ކަމަށެވެ. އަދި ޝައިމް ގެއްލުނު އިރު ޑިއުޓީގައި ހުރި މުވައްޒަފަކު ސަސްޕެންޑް ކޮށްފައިވާނެ ކަމުގައިވެސް ޝިދާތާ ވިދާޅުވިއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ޝައިމް ގެއްލުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގައެވެ. ޝައިމް ހޯދަން ފުލުހުން އިއުލާނު ކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގައެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ގެއެއް ބަލައި ފާސްކޮށް ޝައިމް ހޯދީ މި މަހުގެ އެއްވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް