މެންޗެސްޓާ ސިޓީގެ ހުނަރުވެރި މިޑްފީލްޑަރު ރިޔާދު މާރޭޒް އެންމެ ފަހު ވަގުތު ކާމިޔާބު ކޮށްދިން ލަނޑާއެކު، 2-1 އިން ނައިޖީރިއާ ބަލިކޮށް، އަލްޖީރިއާ އެފްރިކަން ކަޕް އޮފް ނޭޝަންސް ގެ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ރޭ ކުޅުނު ސެމީ ފައިނަލުން އަލްޖީރިއާ މޮޅުވިއިރު، މިއީ އެ ގައުމު އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލަށް 1990 ވަނަ އަހަރުގެ ފަހުން ދަތުރު ކުރި ފުރަތަމަ ފަހަރެވެ. އެ އަހަރު އަމިއްލަ ގައުމުގައި ނައިޖީރިއާ ބަލިކޮށް އަލްޖީރިއާ އިން ތަށި އުފުލާލިއިރު، އެއީ އެ ގައުމަށް ލިބުނު، އެފްކޮންގެ އަލަތު ތަށްޓެވެ. އޭގެ ކުރިން 1980 ވަނަ އަހަރު ވެސް އަލްޖީރިއާ ފައިނަލްގައި ކުޅުނެވެ. އެހެނަސް، އެ ފަހަރު މިސްރު އަތުން ފައިނަލްގައި ބަލިވީ 3-0 ގެ ނަތީޖާއިންނެވެ.
ރޭގެ މެޗު ނައިޖީރިއާއިން، ކުއާޓާ ފައިނަލްގައި ސައުތު އެފްރިކާ ބަލިކުރި ޓީމަށް އެއްވެސް ބަދަލެއް ނުގެނެސް ފެށިއިރު، އަލްޖީރިއާއިން ފެށީ އަނިޔާގައި ހުރި ޔޫސެފް އަޓާލް ގެ ބަދަލުގައި މެހްދީ އަރުވައިގެންނެވެ.
ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނުނު މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް އަލްޖީރިއާ އަށް ލީޑު ލިބުނީ ނައިޖީރިއާގެ ޓްރޫސްޓް-އީކޮންގް ގެ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.
ދެ ވަނަ ހާފު ފެށިގެން މެޗުގެ 72 ވަނަ މިނިޓުގައި ނައިޖީރިއާ އިން ވަނީ ލިބުނު ޕެނަލްޓީ އަކުން ނަތީޖާ ހަމަހަމަ ކޮށްލާފައެވެ. މިއީ އަލްޖީރިއާގެ އައިއްސާ މަންދީ ޕެނަލްޓީ އޭރިޔާގެ ތެރެއިން ބޯޅައިގައި އަތްލުމުން ދިން ޕެނަލްޓީއެވެ. ރެފްރީ އެންމެ ފުރަތަމަ މި ހޭންޑް ބޯޅައަށް ޕެނަލްޓީ ނުދިން ނަމަވެސް، ވީއޭއާރ ރިވިޔު އަށްފަހު ނިންމީ ޕެނަލްޓީއެއް ކަމަށެވެ. ނައިޖީރިއާ އަށް މި ޕެނަލްޓީ ކާމިޔާބު ކޮށްދިނީ އޮޑިއޮން އިގާލޯ އެވެ.
ދެ ޓީމު އެއްވަރު ވެގެން ފުރިހަމަ ވަގުތުގެ ކުޅުން ނިމެންދަނިކޮށް، އަލްޖީރިއާ އަށް މޮޅެއް ހޯދައިދީ ފައިނަލަށް ގެންގޮސްދިން މުހިންމު ލަނޑު ރިޔާދު މާރޭޒް ޖެހީ ދެ ވަނަ ހާފުގެ އިތުރު ވަގުތުގެ ވެސް އެންމެ ފަހު މިނިޓުގައެވެ.
އަންނަ ހުކުރު ދުވަހުގެ ރޭގަނޑު ރާއްޖެ ގަޑިން 12 ޖަހާއިރު ކުޅޭ ފައިނަލް މެޗުގައި އަލްޖީރިއާ ނުކުންނާނީ ސެނެގާލް އާ ދެކޮޅަށެވެ. ރޭ ކުޅެވުނު އަނެއް ސެމީ ފައިނަލް މެޗުން ސެނެގާލް ޓިޔުނީޝިއާ އަތުން މޮޅުވީ 1-0 ގެ ނަތީޖާއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް