އިންޑިއާއިން ރާއްޖެއަށް މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހަޝިޝް އޮއިލް އެތެރެ ކުރަން އުޅުނު ދިވެހި އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ އަބްދުﷲ އާލިމް ކިޔާ މީހަކާއި އުމުރުން 24 އަހަރުގެ ސަމްސިއްޔާ މުހައްމަދު ކިޔާ މީހެކެވެ.
މި ދެމީހުން ހައްޔަރުކޮށްފައިވަނީ ޗެންނާއީ އެއާޕޯޓުންނެވެ. ޝޭމްޕޫ ފުޅިތަކެއްގައި ބަންދުކޮށްފައިހުރި، ބަރުދަނުގައި އެއް ކިލޯ ހުންނަވަރުގެ ހަސިޝް އޮއިލް މި ދެމީހުން އަތުން ފެނުނު ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ރިޕޯޓްކޮށްފައިވާގޮތުގައި އެދެމީހުން އަތުލައިގަތީ ރޭގެ ވަގުތެއްގައެވެ. އަތުލައިގަތީ މާލެ އައުމަށް ފުރަން ގޮސް ޗެންނާއީ އެއާޕޯޓްގައި ތިއްބައެވެ. އެ ދެމީހުން ދަތުރުކުރަން އޮތީ ސްރީ ލަންކަން އެއާލައިންސްގެ ފްލައިޓަކުން ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
އެ ދެމީހުން އިންޑިއާއަށް ދިޔައީ މީގެ 20 ދުވަސް ކުރިން ކަމަށާއި ޓްރިވެންޑްރަމްގައި ތިބުމަށްފަހު ޗެންނާއީއަށް ދިޔައީ މިދިޔަ ހަފްތާގައި ކަމަށް ބުނެފައިވެއެވެ. އަދި ޗެންނާއީގެ އެގްމޯރ ހޮޓަލުގައި ތިބެފައި ހަސިޝް އޮއިލް ގަތީ ޗެންނާއީ މީހެއްގެ އަތުން ކަމަށާއި އެ ދެމީހުން އަތުލައިގަތީ ޗެންނާއީގެ އެންސީބީއަށް ލިބުނު މައުލޫމާތަކަށް ބިނާކޮށް ކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް