ނިއުޒިލެންޑްގެ ކްރައިސްޓް ޗާޗް ސަރަހައްދުގެ ދެ މިސްކިތަކަށް، މީހަކު ހަމަލާދީ 51 މީހަކު މަރާލި ހާދިސާއަށް ހަތަރު މަސް ވެފައިވާއިރުވެސް އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ނިއުޒިލެންޑުން އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. ރައްޔިތުންވެސް އަންނަނީ ނަމޫނާ ދައްކަމުންނެވެ.
އެގޮތުން މިހާރުވެސް ކުރިއަށްދާ ކަމަކީ އާންމުން އަތުގައި ހުރި ހަތިޔާރު ފުލުހުންނާއި ހަވާލު ކޮށް އެތަކެތި ނައްތާލުމުގެ މަސައްކަތެވެ.
މިސްކިތަށް ދިން ހަމަލާއަށްފަހު އެ ގައުމުގެ ސަރުކާރުން، އިދިކޮޅު ޕާޓީތަކާއެކު މިހާރު ވަނީ ހަތިޔާރު ގެންގުޅޭ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެ ގާނޫނަށް އަމަލުކުރަން ފަށާ ހިސާބުން، ސެމީ އޮޓޮމެޓިކް ބަޑި، މިނެޓަކު 10 ވަޒަނަށްވުރެ ގިނައިން ޖެހޭ ބަޑި ނުގެންގުޅެވޭނެ އެވެ. އަދި އާދައިގެ ފިސްތޯލަ ފަދަ ބަޑިވެސް ދޫކުރަނީ ހާއްސަ ހުއްދައަކާއެކު އެކަން މޮނީޓަރ ކުރެވޭ ފަދަ އުސޫލަކުންނެވެ.
ހަމަ އެއާއެކު މިހާރު އާންމުން ގެންގުޅޭ ހަތިޔާރު ފުލުންނާ ހަވާލުކޮށް އެ ތަކެތި ނައްތާލުމުގެ މަސައްކަތް އިއްޔެވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އިއްޔެ އެކަނިވެސް 169 އަކަށްވުރެ ގިނަ ފަޔަރ އާމްސް އާއި 224 ބަޑިއާއި ބަޑިއާއި ގުޅުންހުރި 217 ބައި ވަނީ އާންމުންގެ ފަރާތުން ފުލުހުންނާއި ހަވާލުކޮށްފައެވެ. އަދި އެތަކެތި ވަނީ ނައްތާލާފައެވެ.
މި ހަރަކާތް ކުރިއަށްގެންދަނީ ހަވާލުކުރާ ހަތިޔާރުގެ ބަދަލުގައި ސަރުކާރުން ފައިސާގެ އިނާމެއްވެސް ދޭ ގޮތަށެވެ. މިހާރުވެސް 1400 އަށްވުރެ ގިނަ މީހުން ހަތިޔާރު ހަވާލުކުރަން ރަޖިސްޓްރީކޮށްފައިވާކަމަށް ބުނެފައިވެއެވެ.
މިފަދަ ހަތިޔާރު ފުލުހުންނާ ހަވާލުކުރުމަށް ހަ މަސް ދުވަހުގެ މުހުލަތެއް ވަނީ ދީފައެވެ. އަދި އެ މުހުލަތުގައި ހަތިޔާރު ހަވާލު ނުކުރާނަމަ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެހެން ގާނޫނު ވަނީ އިސްލާހު ކޮށްފައެވެ.
މި އަހަރުގެ މާރިޗް 15 ވީ ހުކުރު ދުވަހު އެ ހަމަލާތައް ދިނީ އޮސްޓްރޭލިއާއަށް އުފަން، އުމުރުން 28 އަހަރުގެ ބްރެންޓަން ޓެރެންޓް ނަމަކަށް ކިޔާ މީހެކެވެ. ކްރައިސްޓް ޗާޗް ސަރަހައްދުގެ އަލް ނޫރު މިސްކިތާއި ލިންވުޑް މިސްކިތަށް ހަތިޔާރާއެކު ވަދެ އޭނާ ވަނީ 51 މުސްލިމަކު މަރާލާފައެވެ. އެ ހަމަލާތައް ދިނުމުގައި ސެމީ އޮޓޮމެޓިކް ފަސް ބަޑި ބޭނުންކުރިއެވެ. އަދި އޭނާގެ އެ ހަމަލާތައް އޭނާ ދިޔައީ ލައިވް ސްޓްރީމް ކުރަމުންވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް