ފީފާ ވޯލްޑް ކަޕް 2018 ގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ކްރޮއޭޝިއާގެ ތަރި ލޫކާ މޮޑްރިޗަށް ލިބިއްޖެއެވެ.
މިރޭގެ މެޗުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް، ކްރޮއޭޝިއާ ވޯލްޑް ކަޕެއްގެ ފައިނަލާ ހަމައަށް އަލަށް ގެނައުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ރެއާލް މެޑްރިޑްގެ މިޑްފީލްޑަރ ލޫކާ މޮޑްރިޗަށް ގޯލްޑަން ބޯލް ލިބުނުއިރު، ދެ ވަނަ މަގާމާއެކު ސިލްވާ ބޯލް ހޯދީ ބެލްޖިއަމްގެ އެޓޭކަރ އެޑެން ހަޒާޑެވެ. ތިން ވަނަ މަގާމް ލިބުނީ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އަށެވެ.
ވޯލްޑް ކަޕް ނިމި، އެވޯޑްތައް ދިނުމުގެ ރަސްމިއްޔާތު ވެސް ނިމިފައިވާއިރު، މި ފަހަރުގެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ހޯދީ ފްރާންސްގެ އުމުރުން އެންމެ 19 އަހަރުގެ ކިލިއަން އެމްބާޕޭއެވެ. އޭނާގެ ފަރާތުން މޮޅު ކުޅުމެއް މުބާރާތުގައި ފެނުނުއިރު، ޕެލޭއަށް ފަހު ވޯލްޑް ކަޕްގެ ފައިނަލެއްގައި ލަނޑު ޖެހި، ހަމައެކަނި ޓީނޭޖް ކުޅުންތެރިޔަކީ ވެސް އެމްބާޕޭއެވެ.
ފީފާ ވޯލްޑް ކަޕްގެ އެންމެ މޮޅު ގޯލްކީޕަރަށް ދޭ ގޯލްޑަން ގްލޯވް އެވޯޑް ހޯދީ ބެލްޖިއަމްގެ ތިބައޯ ކޯޓުއާ އެވެ. ބެލްޖިއަމް މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް އައިއިރު، އޭނާގެ ފަރާތުން ވަރަށް މޮޅު ސޭވް ތަކެއް ވަނީ ފެނިގެން ގޮސްފައެވެ.
އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ގޯލްޑަން ބޫޓް އިންގްލެންޑްގެ ހަރީ ކޭން ހޯދިއިރު، މުބާރާތުގެ ފެއާ ޕްލޭ ޓްރޮފީ ލިބުނީ ސްޕެއިން އަށެވެ.
ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް މިރޭ ނިމިފައިވާއިރު، މިރޭގެ ފައިނަލް މެޗު 4-2 އިން ކާމިޔާބުކޮށް ފްރާންސުން ވަނީ ދެ ވަނަ ފަހަރަށް ވޯލްޑް ކަޕްގެ ތަށި އުފުލާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް