ކްރޮއޭޝިއާ ބަލިކޮށް ފްރާންސުން ވޯލްޑް ކަޕް ކާމިޔާބު ކޮށްފި

ވޯލްޑް ކަޕުގެ ފައިނަލެއްގައި އަލަށް ވާދަކުރި ކްރޮއޭޝިއާ 4-2 އިން ބަލިކޮށް ފްރާންސުން ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށްފިއެވެ. ފާއިތުވި ޔޫރޯގެ ފައިނަލްގައި ލިބުނު ނާކާމިޔާބީއަށް ފަހު ފްރާންސުން ވޯލްޑް ކަޕ...

15 Jul 2018 | 17:44

ވޯލްޑް ކަޕުގެ ފައިނަލެއްގައި އަލަށް ވާދަކުރި ކްރޮއޭޝިއާ 4-2 އިން ބަލިކޮށް ފްރާންސުން ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށްފިއެވެ.

ފާއިތުވި ޔޫރޯގެ ފައިނަލްގައި ލިބުނު ނާކާމިޔާބީއަށް ފަހު ފްރާންސުން ވޯލްޑް ކަޕްގެ ތަށި އުފުލާލިއިރު، މިއީ ފްރާންސް ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރި 2 ވަނަ ފަހަރެވެ. ފްރާންސުން ފުރަތަމަ ވޯލްޑް ކަޕެއް ކާމިޔާބު ކުރީ 1998 ވަނަ އަހަރު ޒައިނުއްދީން ޒިދާން އާއި މިހާރުގެ ކޯޗުގެ ރަން ޒަމާނުގައެވެ.

މިރޭގެ ފައިނަލް މެޗު ފެށިގެން 18 ވަނަ މިނިޓުގައި މާރިއޯ މަންޑޫސްކިޗްގެ ބޮލުން ޖެހިފައި ބައިކޮޅަށް ވަން ލަނޑުން ފްރާންސަށް ލީޑު ލިބުނެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚްގައި ވެސް ފައިނަލް މެޗެއްގައި ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ފުރަތަމަ ލަނޑެވެ.

ފްރާންސަށް ލީޑު ލިބުނުތާ މާކަ ގިނައިރެއް ނުވެ، މޮޅަށް ކުޅެމުން ދިޔަ ކްރެއޭޝިއާ އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ކްރޮއޭޝިއާއަށް ކާމިޔާބު ކޮށްދިނީ އިވާން ޕެރިސިޗް އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އަނެއްކާ ވެސް ފްރާންސަށް ލީޑު ލިބުނީ 38 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން އެންޓޮއިން ގްރީޒްމަން ޖެހި ލަނޑުންނެވެ. މިއީ އޭރިއާގެ ތެރެއިން އިވާން ޕެރިސިޗް ބޯޅައިގައި އަތް ލުމުން، ވީއޭއާރް ރިވިޔު އަށްފަހު ދިން ޕެނަލްޓީއެވެ.

ދެ ވަނަ ލަނޑަށް ފަހު ފްރާންސުން ވަނީ ދެ ވަނަ ހާފު ފެށިގެން ކައިރި ކައިރީގައި އިތުރު ދެ ލަނޑު ޖަހާ ބޮޑު ލީޑެއް ނަގާފައެވެ. މި ލަނޑުތައް އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެމްބާޕޭ އާއި ޕައުލް ޕޮގްބާއެވެ. މިއާއެކު، އެމްބާޕޭ ވެފައިވަނީ ޕެލޭ އަށްފަހު ވޯލްޑް ކަޕްގެ ފައިނަލް މެޗެއްގައި ލަނޑު ޖެހި  ފުރާވަރުގެ އުމުރުގެ ހަމައެކަނި ކުޅުންތެރިޔާއަށެވެ.

ފްރާންސުން ބޮޑު ލީޑެއްގައި ހަމަޖެހިގެން ކުޅެމުން ދަނިކޮށް، ގޯލް ކީޕަރ ހޮރިސް އަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައި މަންޑޫސްކިޗް ޖަހައިދިން ލަނޑު ކްރޮއޭޝިއާއަށް ކުޑަ އުންމީދެއް ލިބުނެވެ. އެހެނަސް، އެ ޓީމުން ކުރި ހިތްވަރާއި މަސައްކަތުން ނަތީޖާ އަނބުރާލެވޭ ގޮތެއް ނުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް