ކަނޑަށް ވެއްޓުނު މީހާ ހޯދުމަށް އާރުއޯވީ ބޭނުންކުރަން ފަށައިފި

ފާނަ މަސްވެރިކަން ކުރަން އުޅުނު "ޓާގެޓް" ދޯނިން މޫދަށް ވެއްޓުނު މީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ފެށި އޮޕަރޭޝަނުގައި، ރިމޯޓް ކޮންޓްރޯލްގެ ޒަރީއްޔާއިން ކޮންޓްރޯލް ކުރެވޭ ކަނޑުގެއަޑި ބަލާ ވަސީލ...

15 Jul 2018 | 09:13

ފާނަ މަސްވެރިކަން ކުރަން އުޅުނު "ޓާގެޓް" ދޯނިން މޫދަށް ވެއްޓުނު މީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ފެށި އޮޕަރޭޝަނުގައި، ރިމޯޓް ކޮންޓްރޯލްގެ ޒަރީއްޔާއިން ކޮންޓްރޯލް ކުރެވޭ ކަނޑުގެއަޑި ބަލާ ވަސީލަތެއް ކަމުގައިވާ، "ރިމޯޓް އޮޕަރޭޓިންގ ވެހިކަލް" (އާރުއޯވީ) ބޭނުންކުރަން ފަށައިފިއެވެ.

އދ އަތޮޅުގައި އޮންނަ ވިލަމެންދޫ އައިލެންޑް ރިސޯޓް ކައިރީ ފާނަ މަސްވެރިކަން ކުރަން އުޅެނިކޮށް މޫދަށް ވެއްޓި، ގެއްލިފައިވަނީ ފ.ބިލެތްދޫ، އުތުރުގޭ އުމުރުން 58 އަހަރުގެ ޢަބްދުﷲ ނަޞީރެވެ.

އެމްއެންޑީއެފުން ހާމަކޮށްފައިވާގޮތުގައި މިހާދިސާގެ މަޢުލޫމާތު މިދިޔަ ހުކުރު ދުވަހުގެ 14:39 ހާއިރު، އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެކު، އެދުވަހުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ހުއްޓުމެއްނެތި ހަރަކާތްތެރިވަމުންނެވެ. މިގޮތުން ކޯސްޓްގާޑުގެ އުޅަނދުތައް ބޭނުންކޮށްގެން އެސަރަޙައްދު ބަލަމުންދާއިރު، އެސަރަޙައްދުގެ ކަނޑުގެ ސަރފޭސް އާއި ކައިރި ހިސާބުތަކުގައި ހުރި ފަރުތަކާއި ފަޅުތައް ދަނީ ބަލަމުންނެވެ. އަދި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ދަނީ އެސަރަޙައްދުގައި ފީނައިގެން މޫދު އަޑި ބަލަމުންނެވެ.

މި މީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، އދ.ދިގުރަށުގެ ޑައިވް ސެންޓަރުތަކުގެ ޑައިވަރުންނާއި، އދ.ވިލަމެންދޫ ރިސޯޓުގެ ޑައިވަރުންނާއި، އދ. ލިލީބީޗު ރިސޯޓުގެ ޑައިވަރުން އަދި އދ.މަހިބަދޫ ފުލުހުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. މީގެ އިތުރުން، ވައިގެ މަގުން އެ ސަރަޙައްދުން ދަތުރުކުރާ އެއަރ ޓެކްސީ ތަކުގައި އެމީހާ ފެނޭތޯ ބަލައިދިނުމަށް އެހީތެރިކަމަށް ވަނީ އެދިފައެވެ.

މި ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން، މި މީހާ އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސް ނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުން އެމްއެންޑީއެފުން އެދެ އެވެ. އެމްއެންޑީއެފުން ހާމަކޮށްފައިވާގޮތުގައި ޢަބްދުﷲ ނަސީރު ކަނޑަށް ވެއްޓުނު އިރު އޭނާ ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓަކާއި މުށި ކުލައިގެ ފަޓްލޫނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް