ގދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް އެމްއެންޑީއެފް ސަދަން އޭރިއާއިން، ޓީމް ބިލްޑިންގ އެންޑް ކޮމްޕެޓެޓިވް ސްޕްރިޓް އެންހެންސްމެންޓް ޕްރޮގްރާމް ހިންގައިފިއެވެ.
ސިފައިން ހާމަކޮށްފައިވާގޮތުގައި މި ޕްރޮގުރާމު ނިންމުމުގެ ގޮތުން މިމަހުގެ 14 ވަނަ ދުވަހު ގދ.ތިނަދޫގައި ހުންނަ ގދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޕްރޮގުރާމުގައި ބައިވެރިވި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަރ ކާނަލް ޢަބްދުﷲ އިބްރާހީމެވެ.
މި މަހު 12 ވަނަ ދުވަހުން ފެށިގެން ތިންދުވަހުގެ މުއްދަތައް ހިންގި މި ޕްރޮގްރާމުގައި، އެ ސްކޫލުގެ ގްރޭޑް 9 ގެ 65 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
މި ޕްރޮގްރާމަކީ އިސްލާމީ ރިވެތި އުޞޫލުތައް ދަސްކޮށްދިނުމާއި ބައިވެރިންގެ ހިތްތަކުގައި ޤައުމީ ލޯތްބާއި ޤައުމީ ރޫޙް އަށަގެންނެވުމާއި ލީޑަރޝިޕް ހުނަރު އިތުރަށް ތަރައްޤީ ކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި ދިމާވާ ގޮންޖެހުންތަކަށް ކުރިމަތިލާ، ނަފްސަށް އިތުބާރު ކުރަން ދަސްކޮށްދިނުމާއި ހަރުދަނާ ނަފްސެއް ބިނާކުރާނެ ގޮތްތައް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ހިންގޭ ޕްރޮގްރާމެއް ކަމުގައި ސިފައިން ބުނެ އެވެ.
މި ޕްރޮގްރާމްގެ ބައިވެރިންނަށް ދަސްކޮށްދެވުނު މުހިންމު ބައިތަކުގެތެރޭގައި، ޓީމް ބިލްޑިންގ ޙަރަކާތްތަކުގެ ތެރެއިން ޓީމެއްގެ ތެރޭގައި އެކުވެރިކަމާއި، ފޯރި އާއި ޖޯޝް ގެންނާނެ ގޮތްތައް ދަސްކޮށްދިނުމާއި، އަދި ފަރުދީ ހައިސިއްޔަތުން ނަފްސުގައި ހުންނަންޖެހޭ އަޚްލާޤީ މިންގަނޑުތަކާއި، ސުލޫކީ މިންގަނޑުތައް ދަސްކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން ޓީމްތަކަކަށް ބަހާލައިގެން ޓީމް ބިލްޑިންގ އާއި ގުޅޭ އެކިއެކި މުބާރާތްތައް ވަނީ މި ޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންގޮސްފައެވެ.
ގދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ހިންގި މި ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް