ރާއްޖޭގެ ސަރުކާރުގެ އިސްވެރިންނާއި އަދި އިސްވެރިންނާއި ގުޅުންހުރި ވިޔަފާރިތަކަށް ފިޔަވަޅު އެޅުމަށް ހޯމަ ދުވަހަށް އެޖެންޑާ ކޮށްފި އެވެ.
އީޔޫގެ ކައުންސިލްގައި މިކަމަށް އެޖެންޑާކޮށްފައިވާއިރު އެޖެންޑާގައި ބުނެފައިވާގޮތުގައި ރާއްޖޭގެ އިސްވެރިންގެ މައްޗަށް އަޅާނެ ފިޔަވަޅުތަކާއި އެ ފިޔަވަޅުތައް ތަންފީޒުކުރާނެ ގޮތް ފާސްކުރުމަށް ހޯމަ ދުވަހު ބާއްވާ އެ ކައުންސިލްގެ ބައްދަލުވުމުގައި ވޯޓަށް އަހާނެ އެވެ.
އީޔޫގެ ރަސްމީ ވެބްސައިޓްގައި މި އެޖެންޑާ އާންމުކޮށްފައިވާއިރު އެޖެންޑާގައިވާގޮތުން ރާއްޖޭގެ މައްސަލަ އޮތީ އެޖެންޑާގެ ފަސްވަނަ ނަމްބަރުގައި އެވެ.
ރާއްޖޭގެ އިސްވެރިންނާއިމެދު ފިޔަވަޅު އެޅުމުގެ މައްސަލަ އީޔޫގެ އެޖެންޑާގައި ހިމަނާފައިވާއިރު އީޔޫއިން ފިޔަވަޅު އަޅާނެކަން އެނގިފައިވާކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ވިދާޅުވެފައި އެވެ.
މ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ އީޔޫ އިން ފިޔަވަޅު އަޅާނީ ސިޔާސީ މީހުންނާ ދޭތެރޭގައި ކަމަށް ބެލެވޭ ކަމަށާއި އެކަމަކު، ރައްޔިތުންނަށް "އެވަރުގެ ދައްޗެއް ވެދާނެ ކަމަކަށް" އުންމީދު ނުކުރައްވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް