ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ކޯޓާ އަށް އެދި ހުށަހެޅުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހުޅުވާލައިފިއެވެ.
ކޯޓާ ދޫކުރުމަށް ހަމަޖެހިފައި ވަނީ ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންއިން ފެށިގެން 100 މޭލު ފާހަގަކޮށް، އެއިމުން ފެށިގެން ބޭރުގައިވާ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގަ އާއި، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ މާކަނޑުގެ ސަރަޙައްދުގައި ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ކަމަށް ފިޝަރީޒް މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބަޔާންކޮށްފައި ވެއެވެ.
އެ މިނިސްޓްރީން ވިދާޅުވީ، ކޯޓާ ވިއްކުމަށް ހަމަޖެހިފައިވަނީ ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގެ ގަވާއިދާއި، ބޭރުކަނޑުގައި ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމަށް ކޯޓާ ދޫކުރުމުގެ އުސޫލުތަކުގެ ދަށުން ކަމަށެވެ.
އެ މިނިސްޓްރީން ނެރެފައިވާ އިއުލާނުގައިވާ ގޮތުން، ކޯޓާ ވިއްކަން ހަމަޖެހިފައި ވަނީ 2019 ވަނަ އަހަރުގެ ޖޫން 1 އިން ފެށިގެން 2020 ވަނަ އަހަރުގެ މެއި 31 ގެ ނިޔަލަށް 15,000 (ފަނަރަ ހާސް) މެޓްރިކް ޓަނުގެ ކޯޓާއެވެ.
ކޯޓާ އަށް އެދި ހުށަހަޅަން ޖެހޭނީ އެކަމަށް ހާއްސަކޮށްފައިވާ ފޯމު ފުރިހަމަ ކުރުމަށް ފަހު ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.
ލޭނު މަސްވެރިކަމުގައި ހަރަކާތްތެރިވުމަށް ކޯޓާއަށް އެދި ސިޓީ ހުށަހެޅުއްވުމުގެ އެންމެ ފަހު ތާރީޚަކީ 29 މެއި 2019 ވަނަ ދުވަހުގެ 13:00 ގެ ކުރިންނެވެ. ނަމަވެސް މިމުއްދަތުގައި ކޯޓާއަށް އެދި ހުށަހަޅާފައިވާ ޖުމުލަ އަދަދު 15,000 މެޓްރިކް ޓަނަށް ވުރެ މަދުވާނަމަ، މިއަދަދު ހަމަވަންދެން، ކޯޓާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތަރުތީބުން 31 މެއި 2020 ގެ ނިޔަލަށް ކޯޓާ ވިއްކުމަށް ހަމަޖެހިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް