ވިލާ ކޮލެޖުގައި 2019 ވަނަ އަހަރު މެއި ސެމިސްޓަރގެ ކިޔެވުން އޮރިއެންޓޭޝަން ސެޝަންއަކުން މިއަދު ފެށިއްޖެއެވެ.
ވިލާ ކޮލެޖުން ބުނީ، މި ސެޝަންގައި ދަރިވަރުންނަށް މަރުޙަބާ ކިޔުމުގެ ގޮތުން ވިލާ ކޮލެޖުގެ ރެކްޓަރ، ޑރ. އަޙްމަދު އަންވަރު ވަނީ ވާހަކަފުޅު ދައްކަދައްކަވާފައި ކަމަށެވެ. މީގެ އިތުރުން މި ސެޝަންގައި 2019 ވަނަ އަހަރުގެ ވިލާ ކޮލެޖު ސްކޮލަރޝިޕް ހާޞިލް ކުރި ދަރިވަރުންނަށް ވަނީ ހަނދާނީ ލިޔުންވެސް ޙަވާލުކޮށްފައި ކަމަށާއި، 2019 ވަނަ އަހަރަށް ވިލާ ކޮލެޖުގެ ސްޓުޑެންޓް އެމްބެސެޑަރަކަށް ވުމުގެ ފުރުސަތު މި ޗެޝަން ގައި ހުޅުވާލި ކަމަށް ވެސް ވިލާ ކޮލެޖުން ބުންޏެވެ. މީގެ އިތުރުން، މި ސެޝަންގައި ވިލާ ކޮލެޖުގެ އެލަމްނައި އެސޯސިއޭޝަންގެ ފަރާތުން ވަނީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް އެ އެސޯސިއޭޝަނާއި ވިލާ ކޮލެޖާއި ބެހޭ ތަފާތު މަޢުލޫމާތުތައް ހިއްސާކުރިއެވެ.
ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކިއު.އައި. ކެމްޕަހުގެ އިތުރުން، ވިލާ ކޮލެޖު ހިތަދޫ ކެމްޕަސް، ވިލާ ކޮލެޖު ނައިފަރު ކެމްޕަސް، ވިލާ ކޮލެޖު ކުޅުދުއްފުށީ ކެމްޕަސް، ވިލާ ކޮލެޖު ލޭކް ސައިޑް ކެމްޕަސް (ށ.ފުނަދޫ)، ވިލާ ކޮލެޖް ލ.ގަން ކެމްޕަސް، ވިލާ ކޮލެޖު ގުރައިދޫ ކެމްޕަސް އަދި ވިލާ ކޮލެޖު މަހިބަދޫ ކެމްޕަހުގައިވެސް މި ކޯސްތައް މެއި 2019 ސެމިސްޓަރ ގައި ފެށިގެންދާނެއެވެ. މީގެ އިތުރުން އަތޮޅުތެރޭގެ އެކިއެކި ލަރނިންގ ސެންޓަރު ތަކުގައިވެސް މިސެމިސްޓަރގައި ކޯސްތައް ފެށިގެންދާނެއެވެ. ލަރނިންގ ސެންޓަރުތަކުގެ ތެރޭގައި ހިމެނެނީ ހއ.ހޯރަފުށި، ރ.އުނގޫފާރު، ރ.އަލިފުށި، ރ.މާކުރަތު، ބ.އޭދަފުށި، އއ.އުކުޅަސް، އދ.މާމިނގިލި، ދ.ކުޑަހުވަދޫ، ފ. ނިލަންދޫ، ހއ. ދިއްދޫ، ބ.ތުޅާދޫ، ށ. ކޮމަންޑޫ، ނ. ކެނދިކުޅުދޫ، ގއ.ވިލިނގިލި އަދި ގދ.ގައްދޫގައި ހުންނަ ލަރނިންގ ސެންޓަރު ތަކެވެ.
ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެގޮތުން ދަރިވަރުންނަށް މަންތްލީ އިންސްޓޯލްމަންޓް އަށް ފީ ދެއްކޭނެ އިންތިޒާމްވެސް ސެޕްޓެމްބަރ 2017 އިން ފެށިގެން މިވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ޑިގްރީ ޕްރޮގްރާމެއް ކިޔެވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް