ހުޅުމާލެއިން މާލެއަށް ބްރިޖް މަތިން ދުއްވާފައި ދިޔަ ސައިކަލެއް މިއަދު އެކްސިޑެންޓް ވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 9:15 ހާއިރުއެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ، ދުއްވާފައި ދިޔަ ސައިކަލު އޯވާޓޭކް ކުރުމަށް ކާރު ލޭން އަށް އެރި ވަގުތު، އެ ލޭން އިން ދުއްވާފައި ދިޔަ ކާރެއްގައި ޖެހިފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި ހަމަ އެވަގުތު އެ ސައިކަލު 116 ފޫޓަށް ކަހާލައިގެން ގޮސް ސައިކަލު ލޭނުން ދުއްވާފައި އައި އެހެން ސައިކަލެއްގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިނީ 20 އަހަރުގެ ދިވެހި ފިރިހިނެއް ކަމަށެވެ. އެ މީހާ އަތުގައި ލައިސަންސް ނޯންނަ ކަމަށާއި، ދުއްވަން އިން ސައިކަލު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށް ވެސް ފުލުހުން އިތުރަށް ވިދާޅުވިއެވެ.
މީގެ އިތުރުން އެކްސިޑެންޓްގެ ސަބަބުން އެ މީހާގެ ގައިގެ އެކި ތަންތަނުން މަށައިގެން ގޮސްފައި ވާ ކަމަށާއި، އެކިވަރުގެ އަނިޔާ ލިބިފައި ވާކަމަށް ފުލުހުން ވިދާޅުވިއެވެ. އެ މީހާއަށް މިހާރު ދަނީ އައިޖީއެމްއެޗް ގައި ފަރުވާ ދެމުންނެވެ.
މި އެކްސިޑެންޓްގައި ސައިކަލު ކަހާލައިގެން ގޮސް ޖެހުނު އަނެއް ސައިކަލުގައި ތިބި ދެމީހުންނަށް ވެސް އެކިވަރުގެ ކުދި އަނިޔާ ލިބިފައި ވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފަހަކަށް އައިސް ބްރިޖް މަތީގައި އެކްސިޑެންޓްތައް ހިނގާވަރު ވަނީ އިތުރުވެފައެވެ. މިދިޔަ ހަފްތާގެ ތެރޭގައި މާލެ ސަރަހައްދުގައި 56 އެކްސިޑެންޓް ހިނގާފައި ވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ވަނީ ދައްކާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް