ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އިއްޔެ ހުވަދު އަތޮޅަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަނެފިއެވެ.
މިނިސްޓަރު ހުވަދު އަތޮޅަށް ވަޑައިގަތީ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއަރުވަން ޓުއަރިޒަމް މިނިސްޓްރީން ކުރަމުން ދާ މަސައްކަތުގެ ތެރެއިންނެވެ. އެމަނިކުފާނު ހުވަދު އަތޮޅު ދެކުނުބުރިއަށާއި ހުވަދުއަތޮޅު އުތުރުބުރިއަށް ވަޑައިގަތީ ތިން ދުވަހަށެވެ.
މި ދަތުރުފުޅުފުޅުގައި އެމަނިކުފާނު ވަނީ ގދ. އަތޮޅު ކައުންސިލާއި ގދ. ތިނަދޫގެ ކައުންސިލާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި، މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ދަތިތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން، އެމަނިކުފާނު ވަނީ ތިނަދޫގައި ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމާގުޅޭގޮތުން ތިނަދޫގެ ވިޔަފާރިވެރިންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ. އެމަނިކުފާނު ވަނީ ތިނަދޫގެ ދަނޑުވެރިކަން ވެސް ބައްލަވާލާފައެވެ.
މިދަތުރުފުޅުގައި، ގދ. ކާނޑެއްދޫ، ގއ. ވިލިނގިލި އަދި ގއ. ކޫއްޑޫ އަށް މިނިސްޓަރު ޒިޔާރަތް ކުރައްވާނެއެވެ.
ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވީ، މި ދަތުރުފުޅުގެ ބޭނުމަކީ ހުވަދޫ އަތޮޅުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް އެރަށްތަކުގެ ކައުންސިލާއި ވިޔަފާރިވެރިންގެ ހިޔާލާއި ލަފާ ހޯދުންކަމުގައެވެ. ގދ. އަތޮޅު ކައުންސިލާއި ގދ. ތިނަދޫ ކައުންސިލާއި މިނިސްޓަރު ބައްދަލުކުރައްވާފައި ވާއިރު، ގއ. އަތޮޅު ކައުންސިލާއި، ގއ. ވިލިނގިލީ ކައުންސިލްގެ އިތުރުން ދާއިރާގެ މަސްލަހަތުވެރިންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް