ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކުގައި ލިބެންޖެހޭ ފައިސާގެ މައްސަލަތަކުގެ ތެރެއިން މިހާތަނަށް ބަލާ ނިމުނު މައްސަލަތަކުން ދައުލަތަށް ތިން ބިލިއަން ރުފިޔާ ހޯދަން ދައުވާ ކޮށްދިނުމަށް އެދިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އެސެޓްސް ރިކަވަރީ ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ޗެއާ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުން ގިނަ މައްސަލަތަކެއް ބަލަން ހުރި އިރު ޖުމްލަ 29.7 ބިލިއަން ރުފިޔާ އެ މައްސަލަތަކުން ދައުލަތަށް ލިބެންޖެހޭ ކަމަށެވެ. އޭގެ ތެރެއިން މިހާރު ބަލަމުންދާ މައްސަލަތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު 25 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާކަމަށް އަޒްލީން އަހުމަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބަލާ ނިމިފައިވާ މައްސަލަތަކުން ދައުލަތަށް ލިބެންޖެހޭ ތިން ބިލިއަން ރުފިޔާ ހޯދުމަށް މަދަނީ މައްސަލަތަކުގައި ދައުވާކޮށްދިނުމަށް އެދި ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައިވާކަމަށާއި ޖިނާއީ މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ.
"މި ކޮމިޝަނުން ކުރި މަސައްކަތުން ބައެއް ފައިސާތައް ވަނީ ލިބިފައި، އަދި ބައެއް ފައިސާ ވަނީ ދެއްކުމުގެ މަރުހަލާގައި،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ ކޮމިޝަނުގެ އަމާޒަކީ ވަކި ސިޔާސީ ބައެއްގެ މައްސަލަތައް ބެލުން ނޫންކަމަށެވެ. އެގޮތުން އެ ކޮމިޝަނުން ބަލާ މައްސަލަތަކުގެ ތެރޭގައި ކުރީގެ މަޖިލީސް މެންބަރުންނާއި މިހާރުގެ މަޖިލީސް މެންބަރުންނާއި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގަ ފަޅާ އަރާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ހިމެނޭ ކަމަށް އަޒްލީން ވިދާޅުވި އެވެ.
އޭގެ ތެރޭގައި މީގެ 27 އަހަރު ކުރިން ސަރުކާރުގެ މަސް ކުންފުނި، ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް (އެފްޕީއައިޑީ)ގެ ކޮރަޕްޝަނުގެ މައްސަލަ އާއި 1999 ގައި އެއާ މޯލްޑިވްސް ބަނގުރޫޓުވި މައްސަލަ، އެސެޓްސް ރިކަވަރީ ކޮމިޝަނުން ބަލަމުންދާ ކަމަށް އަޒްލީން ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅުގައި އޮތީ ވެސް އަދި މުޅި ކޮމިޝަންގެ އަމާޒަކީ، މި ފައިސާ އެއްވެސް ތައައްސަބެއް ނެތި، މިއީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ފައިސާ އަށް ވާތީވެ އެ ފައިސާ ހޯދުމުގައި ސިޔާސީ އެއްވެސް އަމާޒެއް ނޯންނާނެ." އަޒްލީން ވިދާޅުވި އެވެ.
އަޒްލީން ވިދާޅުވީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި މި ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލައެއް ނުހިމެނޭ ކަމަށެވެ.މިދިޔަ އަހަރުގެ ޖުލައި 20 ގައި ހުޅުވި އެ ކޮމިޝަނުގެ މުއްދަތަކީ މިއަހަރުގެ ޖުލައި 20 ވަނަ ދުވަހެކެވެ. އެކަމަކު ރައީސް ޔާމީން ވަނީ ނޮވެމްބަރު މަހުގެ ނިޔަލަށް ކޮމިޝަނުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ނިންމަވާފައި އެވެ.
އެސެޓްސް ރިކަވަރީ ކޮމިޝަނަކީ ރައިސުލް ޖުމްހޫރިްޔާގެ ގަރާރަކުން ދައުލަތަށް ލިބެންޖެފޭ ފައިސާ ހޯދުމާއި ގުޅޭ މައްސަލަތައް ބަލައި އެ ފައިސާ ހޯދުމަށް އުފައްދަވާފައިވާ ކޮމިޝަނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް