ފީފާ ވޯލްޑް ކަޕް: އާޖެންޓީނާ އަދި ޕޯޗުގަލްގެ ޕްރިލިމިނަރީ ސްކޮޑް އިއުލާނު ކޮށްފި

މި އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު ރަޝިޔާގައި ފެށޭ ވޯލްޑް ކަޕަށް، ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މޮޅު ދެ ކުޅުންތެރިންގެ ޓީމް ކަމަށްވާ، ކުރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް އާއި ލިއޮނަލް މެސީގެ އާޖެންޓީނ...

15 May 2018 | 06:29

މި އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު ރަޝިޔާގައި ފެށޭ ވޯލްޑް ކަޕަށް، ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މޮޅު ދެ ކުޅުންތެރިންގެ ޓީމް ކަމަށްވާ، ކުރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް އާއި ލިއޮނަލް މެސީގެ އާޖެންޓީނާއިން ނެގި 35 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑް އިއުލާނު ކޮށްފިއެވެ.

ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލްގެ ސްކޮޑަށް ބަލާއިރު އެންމެ ބޮޑަށް ސަމާލުކަން ލިބުނީ ޔޫރޯ އިން ވިދާލި ޒުވާން ކުޅުންތެރިޔާ ރެނާޓޯ ސަންޗޭސް ޕްރިލިމިނަރީ ސްކޮޑްގައި ވެސް ހިމެނިފައި ނެތުމެވެ. އެހެންކަމުން ޖޫން 4 ގެ ކުރިން ޕޯޗުގަލްއިން 23 ކުޅުންތެރިންގެ ރަސްމީ ސްކޮޑް އިއުލާނު ކުރާއިރު ވެސް އޭނާއަށް ފުރުސަތެއް ނޯންނާނެތީ މި ފަހަރުގެ ވޯލްޑް ކަޕުން ސަންޗޭސް ނުފެންނާނެއެވެ.

ރޮނާލްޑޯއާއެކު ރިކާޑޯ ކަރެސްމާ ފަދަ ތަޖުރިބާކާރު ކުޅުންތެރިންނަށް ޕޯޗުގަލްގެ ސްކޮޑުން ޖާގަ ދީފައިވާއިރު، އެ ގައުމުން ވޯލްޑް ކަޕްގެ ކުރިން މޭ 28 ވަނަ ދުވަހު ޓިއުނީޝިޔާއާ ދެކޮޅަށް އެކުވެރިކަމުގެ ފުރަތަމަ މެޗު ކުޅޭނެއެވެ. އެހެނަސް، ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވާދަކުރާތީ އިތުރު ދުވަސްތަކެއް އަރާމުކުރަން ފުރުސަތު ދޭގޮތަށް އޮތް ރޮނާލްޑޯ އެ މެޗުގައި ނުކުޅޭނެއެވެ. އެއަށްފަހު ޖޫން 2 ގައި ބެލްޖިއަމް އަދި ޖޫން 6 ގައި އަލްޖީރިއާ އާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅޭނެއެވެ.

2013 ވަނަ އަހަރު ގައުމީ ޓީމުން ޖާގަ ހޯދުމަށްފަހު މިހާތަނަށް އެންމެ 4 މެޗުން ފުރުސަތު ލިބިފައިވާ މައުރޯ އިކާޑީ ވަނީ އާޖެންޓީނާގެ ޕްރިލިމިނަރީ ސްކޮޑްގައި ހިމަނާފައެވެ. އޭނާ އަންނަނީ މި ސީޒަންގައި އިންޓަ މިލާންއަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. އެހެނަސް، 23 ކުޅުންތެރިންނަށް ސްކޮޑް ކުޑަކުރާއިރު، އިކާޑީއަށް ފުރުސަތު ނުލިބުން ގާތްކަމަށް އަދިވެސް ބެލެވެއެވެ.

އަނިޔާ ވެފައިވީ ނަމަވެސް އާޖެންޓީނާގެ ކޯޗު ސަމްޕޯލީ ވަނީ މެންޗެސްޓާ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ވެސް ޕްރިލިމިނަރީ ސްކޮޑްގައި ހިމަނާފައެވެ. މުބާރާތުންގެ ކުރިން އަގުއޭރޯ އަނިޔާއިން ސަލާމަތްވެ ކުޅުމާ ބައިވެރިވެވޭވަރު ވާނެކަމަށް ބެލެވެއެވެ.

އާޖެންޓީނާއިން ވޯލްޑް ކަޕަށް ދިއުމުގެ ކުރިން މި މަހުގެ 29 ވަނަ ދުވަހު ހެއިޓީ އާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅޭނެއެވެ.

ޕޯޗުގަލްގެ 35 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑް:

ގޯލްކީޕަރުން: އެންތޮނީ ލޮޕޭޒް (ލިއޯން)، ބެޓޯ (ގޮޒްޓެޕޭ)، ލުއި ޕެޓްރީސިއޯ (ސްޕޯޓިން)

ޑިފެންޑަރުން: އަންޓުނޭސް، ބްރޫނޯ އަލްވޭސް، ސެޑްރިކް ސޯރެސް، ޖޯ ކެންސެލޯ، ޖޯސޭ ފޮންޓޭ، ލުއިސް ނޭޓޯ، މާރިއޯ ރުއީ، ނެލްސަން ސެމެޑޫ، ޕެޕޭ، ރަފައެލް ގުރެއިރޯ، ރިޗާޑޯ ޕެރެއިރާ، ރޮލާންޑޯ، ރުބެން ޑިއާސް

މިޑްފީލްޑަރުން: އެޑްރިއެން ސިލްވާ، އަންދުރޭ ގޮމޭޒް، ބްރޫނޯ ފެނާންޑޭޒް، ޖޯ މާރިއޯ، ޖޯ މޮޓީނޯ، މެނުއަލް ފެނާންޑޭޒް، ރުބެން ނޭވަސް، ސާޖިއޯ އޮލިވިއޭރާ، ވިލިއަމް ކާވަޅޯ

ފޯވާޑުން: އަންދްރޭ ސިލްވާ، ބާނާޑޯ ސިލްވާ، ކްރިސްޓިއާނޯ ރޮނާލްޑޯ، އެޑާ، ޖެލްސަން މާޓިންސް، ގޮންކާލޯ ގުއެޑެސް، ނާނީ، ޕައުލީނޯ، ރިޗާޑޯ ކަރެސްމާ، ރޮނީ ލޮޕޭޒް

އާޖެންޓީނާގެ 35 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑް:

ގޯލްކީޕަރުން: ސާޖިއޯ ރޮމޭރޯ، ނަހުއެލް ގޫޒްމަން، ވިލީ ސެބަޔޭރޯ، ފްރެންކޯ އާމާނީ

ޑިފެންޑަރުން: ގެބްރިއެލް މާކެޑޯ، ނިކޮލަސް އޮޓަމެންޑީ، ފެޑެރީކޯ ފަޒިއޯ، ނިކޮލަސް ޓަގްލިއަފޯކޯ، މާކޮސް ރޯހޯ، މާކޮސް އަކޫނާ، ރަމީނޯ ފުނެސް މޯރީ، ކްރިސްޓިއަން އެންސަލްޑީ، އެޑުއާޑޯ ސަލްވިއޯ، ޖާމަން ޕެޒެއްލާ

މިޑްފީލްޑަރުން: ޖަވިއޭ މަޝަރާނޯ، އެންހެލް ޑި މަރީއާ، އެވާ ބެނެގާ، ލޫކަސް ބިޖްލިއާ، މެނުއެލް ލަންޒީނީ، ޖިއޯ ލޮ ސެލްސޯ، ރިކާޑޯ ސެންޓުރިއޯން، ގުއިޑޯ ޕިޒާރޯ، ލިއަންޑްރޯ ޕަރެޑެސް، މެކްސިމިލިއާނޯ މެޒާ، އެންޒޯ ޕެރޭޒް، ޕަބްލޯ ޕެރޭޒް، ރޮޑްރިގޯ ބަޓަގްލިއާ

ފޯވާޑުން: ލިއޮނަލް މެސީ، ސާޖިއޯ އަގުއޭރޯ، ގޮންޒަލޯ އިގުއައިން، ޕައުލޯ ޑައިބަލާ، މައުރޯ އިކާޑީ، ކްރިސްޓިއަން ޕަވޮން، ލައުޓާރޯ މާޓިނޭޒް، ޑިއޭޖޯ ޕެރޯޓީ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް