ރޭ ފަތިހު އދ. މަހިބަދޫ ބަނދަރުގައި އަޅާފައި އޮތް ފަސް ލޯންޗާއި ދެ ޑިންގީގައި އަލިފާން ރޯކޮށްލާފައިވަނީ ބަޔަކު ގަސްދުގައި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންނާއި ސިފައިން ގުޅިިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މިހާތަނަށް ބެލިބެލުމުން އެކަން ކޮށްފައިވަނީ ބަޔަކު ގަސްދުގައި ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި އެއީ ޓެރަރިސްްޓް އަމަލެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
ސީޕީ ވިދާޅުވީ ލޯންޗުތަކުގައި ރޯކޮށްލުމުގެ ތަހުގީގަށް ފުލުހުންގެ ސެންޓްރަލް ހެޑް ކުއާޓާރ އިން ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހާއްސަ ޓީމެއް މަހިބަދުއަށް ގޮސްފައިވާ ކަމަށެވެ. ތަފްސީލް ހާމަ ކުރެވޭނީ އެޓީމްގެ ތަހުގީގަށް ފަހު ކަމަށް ސީޕީ ހަމީދު ވިދާޅުވި އެވެ.
މީގެ އިތުރުން މިރޭގެ ބައްދަލުވުމުގައި ހަމީދު ވިދާޅުވީ ލ. ގަމު ތުނޑީ އަވަށު ފަޅުތެރޭގައި އަޅާފައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލާފައިވަނީ ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ. އޭނާ ވިދުވީ އެ ލޯންޗުގައި ބަޔަކު ރޯކޮށްލީ މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުން ހޯދަން ފުލުހުން މިހާރު ކުރަމުންދާ މަސައްކަތްތަތުގެ ދަށުން ކުރަމުންދާ ތަހުގީގަކާއި ގުޅިގެން ކަމަށެވެ.
ހަމީދު ވިދާޅުވީ، ދާދި ފަހުން ހިނގާފައިވާ ބައެއް އަލިފާނު ހާދިސާތަކަކީ، ގަސްތުގައި އެކި ފަރާތްތަކަކުން ރާވައިގެން އެކި މަގްސަދުގައި ހިންގާފައިވާ ހާދިސާތައް ކަމަށެވެ. އެގޮތުން ފުލުހުންގެ ލޯންޗުގައި ރޯކޮށްލުމަކީވެސް އެފަދަ ބަދަލު ހިފުމުގެ އެއް ހާދިސާ ކަމަށެވެ.
ސީޕީ ވިދާޅުވީ، އެ މައްސަލަ އަދިވެސް ވަރަށް ފުޅާ ދާއިރާއެއްގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި ދެ ހާދިސާގައި އަންދާލި ލޯންޗުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައި އެވެ. މަހިބަދޫގައި އަންދާލި ލޯންޗުތަކުގެ ތެރޭގައި ފުލުހުންގެ ލޯންޗެއް، އަތޮޅު ކައުންސިލްގެ ލޯންޗެއް، ސީއެމްބިއުލާންސް އަދި ފެރީ ދަތުރު ކުރާ އަމިއްލަ ކުންފުންޏެއްގެ ދެ ލޯންޗާއި ދެ ޑިންގީ ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް