މިއަދުން ފެށިގެން މާލެ ސަަރަހައްދުގައި ޑިއުޓީ ނިންމާފައި ފުލުހުން ގެއަކަށް ނުދާނެ!

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި ޑިއުޓީ އަދާ ކުރަމުންދާ ފުލުހުން މިއަދުން ފެށިގެން މި ހާލަތަށް ބަދަލު އަންނަންދެން ގެއަށް ނުދާނެ ކަމަށް ބުނެފި އެވެ. މިއަދު އޮތް ނޫސްވެރިންގެ ބަ...

15 Apr 2020 | 13:10

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި ޑިއުޓީ އަދާ ކުރަމުންދާ ފުލުހުން މިއަދުން ފެށިގެން މި ހާލަތަށް ބަދަލު އަންނަންދެން ގެއަށް ނުދާނެ ކަމަށް ބުނެފި އެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި "ދުވަހުން" ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ކޯވިޑް-19 އާންމުންގެ ތެރޭގައި ފެތުރޭކަމަށް ސިއްހީ މާހިރުން ވިދާޅުވުމާއި އެކު ފުލުހުންގެ އާއިލާތަކާއި ފުލުހުން ރައްކާތެރި ކަމަށް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އެގޮތުން މިއަދު އެކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ނަވީން ވިދާޅުވީ މިހާރު ނިންމިފައިވަނީ ޑިއުޓީ ނިންމާ ފުލުހުން ވަކި ތަނެއްގައި ކެއުމާއި ނިދުމުގެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށެވެ. މިގޮތަށް އަމަލު ކުރާނީ ކަމާ ބެހޭ ފަރާތްތަކުން ހާލަތައް ބަދަލު އައިކަން އަންގަންދެން ކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން މުއްދަތެއް ނެތް ގޮތަށް މާލެ ސަރަހައްދު ބަންދުކޮށްފައިވާއިރު އާންމު ހިދުމަތުގައި ނިންމަން ޖެހޭ ހުރިހާ ނިންމުންތަކާއި އާންމު ދިރިއުޅުމަށް ބޭނުންވާ ކަންކަން ހަމަޖައްސައި ދިނުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށް ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ވަނީ ވިދާޅުވެފައި އެވެ.

ފުލުހުން ބުނީ މި އެންގުމާއި އެއްގޮތަށް ފުލުހުން ހިދުމަތުގައި ދެމިތިބޭނެ ކަމަށެވެ. އެގޮތުން މިހާރު މާލޭގެ އެކި ތަންތަނުގައި ތަށިވެފައި ތިބި މީހުންނަށް ދިރިއުޅޭ ތަނަކަށް ދެވޭނެ އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށެވެ. ގެއަށް ދާން ބޭނުންވާ ފަރާތްތަކުން ފުލުހުންނަށް ގުޅުމަށް ވަނީ އިލްތިމާސް ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް