މާލެ ސަރަހައްދާއި ތިލަފުށި އަދި ގުޅީފަޅުގައި ބޭރުގައި އުޅޭ ފަރާތްތައް ޖޫރިމަނާކޮށް ކަރަންޓީން ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ މިއަދުން ފެށިގެން ބޭރުގައި އުޅޭ މީހުންނަށް ނަސޭހަތް ނުދޭނެ ކަމަށެވެ. އޭގެ ބަދަލުގައި ފުރަތަމަ ފަަހަރުވެސް ޖޫރިމަނާކޮށް،14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރުވަން ޖެހޭނަމަ އެކަން ކުރާނީ ކަމަށް ވިދާޅުވި އެވެ.
ޖޫރިމަނާ ކުރާނީ1،000 ރުފިޔާއިންނެވެ.
އެކަމަކު ޖޫރިމަނާ ކުރުމުގެ ކުރިން ބޭރަށް ނުކުމެ އުޅޭ ސަބަބު އޮޅުން ފިލުވާނެ ކަމަށް ވިދާޅުވި އެވެ. ނަވީން ވިދާޅުވީ މިހާރު މާލެ ސަރަހައްދުގައި އުޅެން ޖެހިފައި މިވަނީ "އާ އާންމު ދިރިއުޅުމެއް" ގައި ކަމަށެވެ.
ގެއިން ބޭރަށް ނުކުންނަ ނަމަ ނުކުތުމުގެ ކުރިން ފުލުހުންނަށް ގުޅައި ހުއްދަ ހޯދަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އައިޑީކާޑު ނުލާ ބޭރަށް ނުދެވޭނެ ކަމަށް ނަވީން ވިދާޅުވި އެވެ.
މީގެ އިތުރުން ޑެލިވަރީ ކުރުމަށާއި އެނޫންވެސް ހިދުމަތް ދޭންޖެހޭ ކުންފުނިތަކާއި ފިހާރަތަކުން ފުލުހުންނަށް ގުޅައި މައުލޫމާތު ހޯދައި ބޭނުން ކުރަން ޖެހޭ ފާސްތައް ހޯދުމަށް އެދިވަޑައިގެންނެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް