މާލެ ސަރަހައްދު 24 ގަޑިއިރަށް ލޮކްޑައުން ކޮށްފި އެވެ.
ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން ނެރުނު އެންގުމެއްގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި24 ގަޑި އިރަށް ލޮކް ޑައުން ކޮށްފައިވާ ކަމަށެވެ. މި އެންގުން ނެރެފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.
އެންގުމުގައި ބުނެފައިވާގޮތުން މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، އަދި ގުޅީފަޅަށް އަރާ ފޭބުމަކީ މަނާ ކަމެކެވެ. އަދި އާންމު ދަތުރުފަތުރާއި ބަހާއި ފެރީގެ ހިދުމަތްތައް ހުއްޓާލުމަށް ވަނީ އަންގާފައި އެވެ.
މީގެ އިތުރުން މަގު މައްޗާއި އާންމު ތަންތަނަށް މީހުން ނުކުމެ އުޅުމަކީ މަނާ ކަމެކެވެ.
މި އެންގުމުން އިސްތިސްނާވާ ފަރާތްތައް:
ފުލުހުން، ސިފައިން (މީހުންނާއި އެ ތަންތަނުގެ އުޅަނދު ފަހަރު)
އެމްބިއުލާންސް
ސިއްހީ ހިދުމަތްތެރިން
ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ މީހުން
ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ މީޑިއާތަކުގެ މުވައްޒަފުން
މިހާލަތުގައި ރައްޔިތުންނާއި އެހެނިހެން ފަރާތްތަކުގެ ޒަރޫރީ ބޭނުންތައް ފުރިހަމަ ކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާ ކުރާނީ ފުލުހުން ކަމަށް އެންގުމުގައި ބުނެފައިވެ އެވެ.
މި އެންގުމުގެ މުއްދަތު ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ބޭނުންވެއްޖެ ހިނދެއްގައި ބަދަލު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
އެޗްޕީއޭއިން ބުނީ މި އެންގުމަށް އަމަލު ކުރަން ޖެހޭނީ އެންގުން ނެރޭ ވަގުތުން ފެށިގެންނެވެ. އެންގުން ނެރެފައިވަނީ މިއަދު މެންދުރު 2:30 ގައި އެވެ.
މާލެ ލޮކް ޑައުން ކޮށްފައި މިވަނީ ކޯވިޑް-19 ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް މިއަދު މާލެއިން ފެނުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް