ޖަލަށް ލީ ކުށެއް ކޮށްގެނެއް ނޫން، ޤައުމީ ވާޖިބެއް އަދާކޮށްގެން: ރައީސް މައުމޫން

ޖަލަށް ލީ އެއްވެސް ކުށެއް ކޮށްގެން ނޫން ކަމަށާއި ޤައުމީ ވާޖިބެއް އަދާކޮށްގެން ކަމުގައި ކުރީގެ ރައީސް، އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް މައުމޫން މިހެން ވިދާޅުވީ، އެމްއާރު...

15 Apr 2019 | 17:00

ޖަލަށް ލީ އެއްވެސް ކުށެއް ކޮށްގެން ނޫން ކަމަށާއި ޤައުމީ ވާޖިބެއް އަދާކޮށްގެން ކަމުގައި ކުރީގެ ރައީސް، އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ، އެމްއާރުއެމްގައި އިސްކޮށް ހަރަކާތްތެރިވާ އައިމިނަތު ނާދިރާ މިއަދު ކުރެއްވި ޓްވީޓެއް ކުއޯޓު ކުރައްވައި ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައެވެ.

ނާދިރާގެ ޓްވީޓްގައި ނާދިރާ ވިދާޅުވެފައިވަނީ "އަޅުގަނޑުމެން" އެ ޕާޓީއަކަށް ނިސްބަތްވި ބަޔަކު އިސްވެ ތިބެ ގައުމުގެ ބިން ބޭރުމީނުންނަށް މިލްކު ކުރެވޭ ގޮތަށް ޤާނޫނު އަސާސީއަށް ބަދަލު ގެނައި އިރު ފާޅުގައި އެކަމާ ދެކޮޅަށް ބަސް ވިދާޅުވި ހަމަ އެކަނި ލީޑަރަކީ ރައީސް މައުމޫން ކަމަށެވެ.

"ޤައުމުގެ ވިސްނުމުގެ ރައްޔިތުންގެ ހައްޤަށް ވަކާލާތު ކޮށްދެއްވީތީ ޝުކުރިއްޔާ" ރައީސް މައުމޫން ޓެގް ކުރައްވައި ނާދިރާ ވިދާޅުވެފައިވެއެވެ.

ނާދިރާގެ މި ޓްވީޓް ކުއޯޓުކުރައްވައި، ނާދިރާއަށް ޝުކުރު ދަންނަވައި ރައީސް މައުމޫން ވިދާޅުވީ އެކަން އެމަނިކުފާޏު ކުރެއްވީ ޤައުމީ ވާޖިބެއް އަދާކުރެއްވުމުގެ ގޮތުން ކަމަށެވެ.

"އެކަމަކު އެކަން އޭރު ވީ އަޅުގަނޑާމެދު ސަރުކާރުން ހަރުކަށި ފިޔަވަޅު އެޅުއްވި ކަމަކަށް، އަޅުގަނޑު ޖަލަށް ލީވެސް އެފަދަ ކަންތަކާ ހުރެ. ކުށެއް ކޮށްގެން ނޫން" ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

https://twitter.com/maumoonagayoom/status/1117759908328296448

ރައީސް މައުމޫން މިހެން ވިދާޅުވެފައިވާއިރު ބޭރު މީހުންނަށް ރާއްޖެ އިން ބިން މިލްކުކުރެވޭ ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލްކުރުމުގެ ބިލް ރައްޔިތުންގެ މަޖިލިހުން މިއަދު ވަނީ ފާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް