ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭނުވެހި ގިނަދުވަސްވުމުގެ ސަބަބުން، ރައްޔިތުން ފެނަށް ޖެހެމުންދާތީ، ރާއްޖޭގެ ހުރިހާ ރަށެއްގައި އިސްތިސްޤާ ނަމާދުކޮށްފިއެވެ.
މާލޭގައި މި ނަމާދު ކޮއްފައިވަނީ އިސްލާމީ މަރުކަޒުގައެވެ. އަދި ރަށްރަށުގައި މި ނަމާދު ކޮއްފައިވަނީ އެ ރަށެއްގެ އެންމެ ބޮޑު މިސްކިތުގައެވެ. އިސްތިސްގާ ނަމާދު ކޮއްފައިވަނީ މިއަދު މެންދުރު ނަމާދަށް ފަހުއެވެ.
ދެ ރަކުއަތުގެ މި ނަމާދަށްފަހު ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ދިން ޚުޠުބާގައި ވަނީ ފެނަށް ދަތިވެ، ނުތަނަވަސްކަން ރަށުތެރެއަށް ފެތުރިފައިވާތީ، މިކަމުން މިންޖު ކުރައްވާތޯ މާތްﷲ ގެ ޙަޟްރަތަށް ރުޖޫޢަވުމަށް ގޮވާލާ، ފާފައެއް ކުރެވިފައިވާނަމަ އެ ފާފައަކުން ތައުބާވެ، ދެވަނަ ފަހަރަށް އެފަދަ ފާފައަކަށް އަރައި ނުގަތުމަށް ޢަޒުމް ކަނޑައެޅުމަށް ނަސޭހަތްތެރިވެފައެވެ.
އިސްތިސްޤާ ނަމާދަށްފަހު ދިން ޚުޠުބާގައްޔާއި، ނަމާދަށްފަހުވެސް ވަނީ ވާރޭ ވެއްސަވާތޯ ދުޢާކޮށްފައެވެ.
ފެން ލިބުން ދަތިވެއްޖެނަމަ، ނުވަތަ ވާރޭ ވެހުން ލަސްވާނަމަ ވާރޭ ވެއްސެވުމަށް އެދި ނަމާދުކޮށް ދުޢާކުރުމަކީ ސުއްނަތްވެގެންވާ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް