އިންސާނީ ހައްގުތަކާ ހިލާފަށް ހިނގާފައިވާ ކަންކަން ބެލުމަށް "އިންތިގާލީ އަދާލަތު" ގެ ނަމުގައި ކޮމިޝަނެއް އުފައްދާ އެ ކޮމިޝަނަށް ގާނޫނުން ބާރު ދިނުމަށް މަޖިލީހަށް ބިލެއް ހުށަހަޅައިފިއވެ.
އެ ބިލް ހުށަހަޅާފައިވަނީ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ.
އެ ބިލުގައި ބުނެފައި ވަނީ އެކެއް ޖެނުއަރީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ނިޒާމީ ސިފައެއްގައި ރޭވިގެން ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން ނިގުޅައިގަތުމަށް ހިންގާފައި ކަންކަން "އިންތިހާލީ އަދާލަތު" ކޮމިޝަނުން ބެލޭނެ ކަމަށާއި، ހައްގުތަކުން މަހުރޫމުވި ރައްޔިތުނަށް ޝަރުއީ ނިޒާމުގެ ތެރެއިން އިންސާފު ހޯދައި ދިނުމުގެ ކަންކަން އެ ކޮމިޝަނުން ބަލާނެ ކަމަށެވެ.
މީގެއިތުރުން އިންތިގާލީ އަދާލަތު ކޮމިޝަނުގައި ހިމެނޭނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ފަސް މެމްބަރުން ކަމަށާއި މި ބިލު ފާސްވެ ގާނޫނަށްކަށް ވާ ހިސާބުން އިންތިގާލީ އަދާލަތު ކޮމިޝަން ރައީސް އުފައްދަވަން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.
ހަމައެއާއެކު، ހުށަހެޅި ބިލުގައި ގާނޫނީ ބާރުތަކެއް ވެސް ކޮމިޝަނަށް ދޭން ވަނީ ހިމަނާފަ އެވެ.
އެގޮތުން ދައުލަތުގެ މުއައްސަސާތަކުން ކޮމިޝަނަށް ބޭނުންވާ އެހީތެރިކަން ހޯދުމާއި، މީހުން ހާޒިރުކޮށް ސުވާލު ކުރުމާއި ބަންދުގައި ބަހައްޓައިގެން މީހުން ހާޒިރު ކުރުމަށް ކޯޓު އަމުރަށް އެދުމުގެ ބާރުވެސް އިންތިގާލީ އަދާލަތުގެ ކޮމިޝަނަށް ދޭން ބިލުގައި ވަނީ ހިމަނާފަ އެވެ.
އަދި އެ ކޮމިޝަނުން ބަލާ މައްސަލައެއްގައި ތަންތަން ފާސްކުރަން ބޭނުން ވެއްޖެ ނަމަ އެކަމަށް ބޭނުންވާ ކޯޓު އަމުރަށް އެދުމުގެ ބާރު ވެސް ކޮމިޝަނަށް ދޭން ވަނީ ބިލުގައި ހިމަނައިފަ އެވެ.
އަދި ޖިނާއީ އިޖުރާއަތު ގާނޫނުގެ ދަށުން ތަހުގީގީ އިދާރާއަކަށް ލިބިގެންވާ ހުރިހާ ބާރެއް އިންތިގާލަތު އަދާލުތުގެ ކޮމިޝަނަށް ދޭން ބިލުގައި ވަނީ ހިމަނައިފަ އެވެ.
އިންތިގާލީ އަދާލަތު ބިލުގެ ދަށުން އޮމްބުޑްސްމަންގެ ނަމުގައި އޮފީހެއް ހެދުމަށް ވެސް ލިޔެފައިވެ އެވެ. އަދި އޮމްބުޑްސްމަންގެ އޮފީހަށް އައްޔަން ކުރާ މެމްބަރުންނަކީ ސުޕީރިއާ ކޯޓެއްގެ ފަނޑިޔާރެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ހުންނަ މީހަކަށް ވާންޖެހޭ ކަމަށާއި އެ އޮފީހަށް މެމްބަރުން އައްޔަން ކުރުމުގެ ބާރުވެސް ދީފައިވަނީ ވެސް ރައީސުލްޖުމްހޫރިއްޔާއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް