ވެރިކަން ވައްޓާލަންށާއި ހުކުމް ތަންފީޒު ކުރަން ރޭވި ގޮތް ފުލުހުން ހާމަކޮށްފި

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މަސައްކަތް ފެއްޓެވީ 2015 ވަނަ އަހަރު ކަމަށް ފުލުހުން ބުނެފި އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލު...

15 Apr 2018 | 15:06

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މަސައްކަތް ފެއްޓެވީ 2015 ވަނަ އަހަރު ކަމަށް ފުލުހުން ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން މައުމޫން މަސައްކަތް ފެއްޓެވީ 2015 ވަނަ އަހަރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެ މަގާމަށް ގެނައުމާއި ހިސާބުން ކަމަށެވެ. އެގޮތުން 2016 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމަށް މައުމޫން ހުށަހަޅުއްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމުގައި ބައިވެރިވާ ބޭފުޅުންގެ ތެރޭގައި މެންބަރު އިލްހާމް އަހުމަދު، މެންބަރު އަބްދުﷲ ސިނާން، ކުރީގެ ސީޕީ އަބްދުﷲ ރިޔާޒު ހިމެނިވަޑައިގެންނަވާ ކަމަށް ޝިފާން ވިދާޅުވި އެވެ. އަދި މެންބަރުންނަށް ރިޝްވަތު ދިނުމުގައި އިސްކޮށް ހަރަކާތްތެރިވީ މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ކަމަށް ޝިފާން ވިދާޅުވި އެވެ.

މީގެ އިތުރުން މެންބަރުންނަށް ރިޝްވަތު ދިނުމަށް މިބޭބޭފުޅުން މެންބަރުންގެ އަރިހަށް ވަޑައިގެންނެވި ކަމަށެވެ.

މައުމޫން ދިރިއުޅުއްވާ އެންދެރިމާގޭ ފުލުހުން ބަލައި ފާސްކުރަމުން ގެންދަނިކޮށް، އެ ގެއާ އިން ވެގެން ހުންނަ އެންދެރިގަސް ގެ އިން ފޮއްޓެއް ކާރަކަށް އަރުވައިގެން ގެންދިޔަ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ. އެ ފޮށި ފެނުނީ އޭނާ ވިދާޅުވި ގޮތުގައި، މައުމޫންގެ އޮފީހުގައި މަސައްކަތް ކުރާ، މައުމޫންގެ މުވައްޒަފެއް ކަމަށް ވާ ނަޖުމާ އިބްރާހިމްގެ ގެ އިިންނެވެ.

އެ މައްސަލާގައި ނަޖުމާގެ އިތުރުން މައުމޫންގެ ޕްރައިވެޓް ބޮޑީގާޑެއް ކަމަށް ވާ މުހައްމަދު އަޒްމީ އާއި ބިދޭސީ ޑްރައިވަރަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝިފާން ވިދާޅުވީ ސުޕްރީމް ކޯޓުން ފެބްރުއަރީ އެކެއްގައި ނެރުނު އަމުރު ތަންފީޒު ކުރަން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު ވަނީ ދުރާލާ ރާވާފައި ކަމަށެވެ. އެގޮތުން އަމުރު ތަންފީޒު ކުރުމަށް ބައެއް ފުލުހުންގެ އޮފިސަރުންނަށް ހާއްސަ ޓާސްކުތަކެއް ދީ، އަރީފް ދުރާލައި ތައްޔާރު ވެފައިވާ ކަމަށެވެ.

ޝިފާން ވިދާޅުވީ ފެބްރުއަރީ އެއް ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއެއްގައި ފުލުހުންގެ ބަޔަކު ނުކުމެ ފުލުހުންނާ ކުރިމަތިލާފައިވާ ކަމަށެވެ.

އެ ފުލުހުން މިހާރު ވަނީ ހައްޔަރުކޮށް ތަހުގީގު ފަށައިފަ އެވެ. އަރީފާއި އިތުރު ފުލުހުންތަކެއް ވަނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް