އިސްލާމްދީން ކުރި އަރުވާ ދީނީ ގޮތުން ސައްހަ މައުލޫމާތު ފެތުރުމުގެ އިތުރުން ހައްދު ފަހަނައަޅާ ދިއުމާއި ދެކޮޅަށް ރައީސް އަބްދުﷲ ޔާމީން ކުރައްވާ މަސައްކަތްޕުޅު ފާހަގަ ކުރައްވާ އިންޓަނޭޝަނަލް މޮޑެރޭޝަން ފޯރަމް އިން އެމަނިކުފާނަށް އެވޯޑެއް އަރުވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، ރައީސަށް މި އެވޯޑު އެރުވީ، ސޫދާންގެ ކުރީގެ ބޮޑުވަޒީރު އަދި އިންޓަނޭޝަނަލް މޮޑެރޭޝަން ފޯރަމްގެ ރައީސް، އައްސާދިގު އައްސިއްދީގު އަބްދުއްރަހްމާން އަލްމަހްދީ އެވެ. އޭނާ ރާއްޖެ ވަޑައިގަތީ އިސްލާމް ދީނުގެ އަސްލުތަކާ ޚިލާފަށް މައުލޫމާތު ފެތުރުމާއި ދީނުގެ އެކި ކަންކަމާ ގުޅޭ ޚިޔާލު ތަފާތުވުންތަކަށް މަޝްވަރާކޮށް ހައްލުތަކެއް ހޯދަން ރާއްޖޭގައި އިއްޔެ ފެށި ބައިނަލްއަގުވާމީ ބައްދަލުވުމަށެވެ.
ރައީސަށް އެ އެވޯޑު އަރުވަން ބޭއްވި ރަސްމިއްޔާތުގައި، އެ ބައްދަލުވުމަށް ރާއްޖެ ވަޑައިގަތް އެކި ގައުމުގެ އިސް ބޭފުޅުންނާއި މަޝްހޫރު ދީނީ އިލްމުވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
އެވޯޑާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު ރައީސް ޔާމީން ވިދާޅުވީ މިފަދަ އެވޯޑެއް ލިބުމަކީ ހައްދުފަހަނައަޅާ ދިއުމާއި ދީނީގޮތުން ސައްހަ މައުލޫމާތު ފެތުރުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.
އިންޓަނޭޝަނަލް މޮޑެރޭޝަން ފޯރަމް އިން މިހާތަނަށް މި އެވޯޑު އަރުވާފައިވަނީ ދެ ބޭފުޅަކަށެވެ. އެއީ ރައީސް އަބްދުﷲ ޔާމީންގެ އިތުރުން މޮރިޓޭނިއާގެ ކުރީގެ ރައީސް މުހައްމަދު ބިން އަބްދުލްއަޒީޒާއި ސައޫދީ އަރަބިއްޔާގެ ކުރީގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލް އަޒީޒް އެވެ.
އިންޓަނޭޝަނަލް މޮޑެރޭޝަން ފޯރަމަކީ އިސްލާމް ދީނާއި އެހެން ދީންތައް ވެސް ހިމެނޭ ގޮތަށް 2002 ގައި އުފެއްދި ހަރަކާތެވެ. އެ ހަރަކާތް ހިންގަނީ ޖޯޑަންގެ ރަސްގެފާނު އަބްދުﷲ ބިން ހުސައިންގެ ބެއްލެވުމުގެ ދަށުންނެވެ. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ޔުނިވަސިޓީތަކާ އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ގިނަ އިލްމުވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް