ރާއްޖެ ކައިރީގައި މަސްވެރިކަން ކުރަން އުޅުނު ސްރީލަންކާގެ މަސްބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފުން އަވަސް ވަރުވާއަށް ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފި އެވެ.
އެމްއެންޑިއެފުން ބުނީ "ވެރޮން ޕުތާ 2" ނަމަކަށް ކިޔާ މި ބޯޓުގައި އޮތް މީހެއްގެ ހާލު ބޮޑުވެގެން ލަންކާ ނޭވީން ދިވެހި ސިފައިންނަށް އެންގީ އިއްޔެ މެންދުރެއް ހާއިރު އެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމަކާއި އެކު ގޮސް އެމްއެންޑީއެފް ކޯސްޓްގާޑުން އެމީހާ އެ ރަށަށް ގެންދިޔައީ މިއަދު ހެނދުނު 10:30 ހާއިރު އެވެ.
މަސްވެރިކަމުގައި އުޅެނިކޮށް ހާލުބޮޑުވީ 47 އަހަރުގެ މީހަކު މެޔަށް ތަދެއް އަރައިގެންނެވެ.
އެމްއެންޑިއެފުން ބުނީ އެ ބޯޓު މަސްވެރިކަމުގައި އުޅުނީ ރާއްޖެ ސަރަހައްދުން ބޭރުގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް