ބްރިޖާ ގުޅާލާ ބޮޑުތަކުރުފާނު މަގުގެ ބައެއްގައި ޕާކު ކުރުން މަނާކޮށްފި

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާ ގުޅާލާ ބޮޑުތަކުރުފާނު މަގުގެ ބައެއްގައި ޕާކު ކުރުން މަނާކޮށްފި އެވެ. ހައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ބޮޑުތަކުރުފާނު މަގު އިރުމަތީ ފަރ...

15 Apr 2018 | 06:50

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާ ގުޅާލާ ބޮޑުތަކުރުފާނު މަގުގެ ބައެއްގައި ޕާކު ކުރުން މަނާކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ބޮޑުތަކުރުފާނު މަގު އިރުމަތީ ފަރާތާއި ދެކުނު ފަރާތު ސަރަހައްދުގައި އުޅަނދުފަހަރު ޕާކު ކުރުން އިއްޔެއިން ފެށިގެން މަނާވާނެ ކަމަށެވެ. އެ ސަރަހައްދަކީ މޭރީ ބްރައުން އިން ފެށިގެން ހުޅުމާލޭ ފެރީ ޓާމިނަލް އާއި ހިސާބެވެ.

މާލޭގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ބޮޑުތަކުރުފާނުގެ މަގު ހަތަރު ލޭން ހިމެނޭ ގޮތަށް 16 މީޓަރަށް ފުޅާކުރަން ވަނީ ނިންމައިފަ އެވެ. އެ މަގު ފުޅާ ކުރަމުން އަންނަނީ، ބްރިޖަށް ދަތުރުކުރާ އުޅަނދުތައް ތޮއްޖެހުނަ ނުދިނުމަށް ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީން ބުނެފައިވަނީ ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ބްރިޖުގެ މަސައްކަތް ނިމުމުގެ ކުރިން ނިމޭނެ ކަމަށެވެ. އެ މަގު ހެދުމަށް އެ ސަރަހައްދުގައި ހުރި ބޮޑެތި ގަސްތައް ކަނޑާލާފައިވާއިރު ދެކުނު ފަރާތު ފަޅުގައި އުޅަނދު ބަނދަރު ކުރުން ވަނީ މަނާކޮށްފައި އެވެ. އަދި އާޓިފިޝަލް ބީޗުގެ ސްޓޭޖުވެސް ވަނީ ނަގާފައި އެވެ.

ބްރިޖަށް ދަތުރުކުރާ މައި މަގުތައް ފުޅާ ކުރާ އިރު މަގުގެ ކޮންމެ ފަރާތެއްގައި ދެ މީޓަރުގެ ޕޭވްމަންޓެއް ހަދަން ވަނީ ނިންމައިފަ އެވެ. އަދި މަގުގެ އަރިމަތީގައި މަގަށް ހިޔާވާ ގޮތަށް ގަސް އިންދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ބްރިޖުގެ މަސައްކަތް އެއްކޮށް މިއަހަރުގެ ޖުލައި 26 އަށް ނިމޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް