ޕްރިމިއާ ލީގު: މެންޗެސްޓާ ސިޓީ 3-1 ޓޮޓެންހަމް. ޔުނައިޑެޓް މިރޭގެ މެޗުން ބަލިވެއްޖެނަމަ ސިޓީއަށް ލީގު ކަށަވަރުވާނެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީން ވާދަވެރި ޓޮޓެންހަމް 3-1 ން ބަލިކޮށް ލީގު ކަށަވަރު ކުރުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފިއެވެ. ސިޓީން ރޭގެ މެޗު ކާމިޔާބުކޮށް 33...

15 Apr 2018 | 03:56

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީން ވާދަވެރި ޓޮޓެންހަމް 3-1 ން ބަލިކޮށް ލީގު ކަށަވަރު ކުރުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފިއެވެ.

ސިޓީން ރޭގެ މެޗު ކާމިޔާބުކޮށް 33 މެޗުން ހޯދި 87 ޕޮއިންޓާއެކު އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 32 މެޗުން ލިބިފައިވަނީ 71 ޕޮއިންޓެވެ. އެހެންކަމުން 2 ޓީމުގެ ދެމެދުގައި މި ވަގުތު 16 ޕޮއިންޓްގެ ފަރަގެއް އޮތުމާއެކު، ޔުނައިޓެޑް މިރޭ ވެސްޓް ބްރޯމްވިޗް އަތުން ބަލިވެއްޖެނަމަ ލީގުގައި ބާކީ 5 މެޗު އޮއްވާ ސިޓީއަށް ލީގު ކަށަވަރު ވާނެއެވެ. ޔުނައިޓެޑުން މިރޭ ވެސްޓް ބްރޯމްގެ މައްޗަށް ކުރި ހޯދިޔަސް، އަންނަ ހަފުތާގައި ސްވަންސީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ސިޓީއަށް ލީގު ކަށަވަރު ކުރެވޭނެއެވެ.

ފާއިތުވި ހަފުތާގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަތުން ޕްރިމިއާ ލީގުގައި ބަލިވެ އަދި ޗެމްޕިއަންސް ލީގުގައި ލިވަޕޫލް އަތުން ބަލިވެ މުބާރާތާ އަލްވަދާއު ކިޔަން ޖެހުނުއިރު، މެންޗެސްޓާ ސިޓީއަށް ރޭގެ މެޗުގައި ވެސް ދެ ވަނަ ހާފުގައި އެފަދަ ހާލަތެއް މެދުވެރިވެދާނެ ކަމުގެ ބިރު ހީވިއެވެ.

މެޗުގެ ފުރަތަމަ 25 މިނިޓު ތެރޭގައި ގެބްރިއަލް ޖީސަސް އާއި ގުންޑޮގާން ކާމިޔާބުކޮށްދިން ލަނޑުތަކާއެކު 2-0 ގެ ލީޑެއް ސިޓީން ނެގި ނަމަވެސް، ޓޮޓެންހަމްއިން ވަނީ ސިޓީގެ ގޯލަށް ނުރައްކާކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑު ހަނިކޮށްލާފައެވެ. މި ލަނޑު ޓޮޓެންހަމްއަށް ޖަހައިދިނީ އެރިކްސަން އެވެ.

ދެ ވަނަ ހާފު ފެށިގެން ވެސް ޓޮޓެންހަމް އިން ރަނގަޅަށް ކުޅެ ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އެ ޓީމަށް ލަނޑެއް ކާމިޔާބު ނުކުރެވުނުއިރު، ސިޓީއަށް 3 ޕޮއިންޓް ޔަގީންކޮށްދިނީ ރަހީމް ސްޓާލިންއެވެ. ސްޓާލިން ލަނޑުޖެހީ 72 ވަނަ މިނިޓުގައެވެ.

ރޭގެ މުހިންމު މޮޅާއެކު މިރޭ ބަލަން ތިއްބާ ވެސް ލީގު ލިބުމުގެ ފުރުސަތު އޮތް ސިޓީ ވަނީ މި ސީޒަންގެ ޕްރިމިއާ ލީގުގައި ރަށުން ބޭރުގައި ކުޅުނު 14 މެޗު ކާމިޔާބު ކޮށްފައެވެ. އެއް ސީޒަނެއްގައި ސިޓީއަށްވުރެ ގިނައިން ރަށުން ބޭރުގައި މޮޅު ހޯދި ޕްރިމިއާ ލީގުގެ ހަމައެކަނި ކުލަބަކީ ޗެލްސީއެވެ. ޗެލްސީން ވަނީ 2004-05 ގެ ސީޒަންގައި ރަށުން ބޭރުގައި 15 މެޗުން މޮޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް