އެންމެ ދުވަސްވީ މީހާގެ މަގާމު ޖަޕާނު މީހަކަށް، ސިއްރަކީ ފޮނި އެއްޗެހި ކެއުން

މިވަގުތު ދުނިޔޭގައި ހުރި އެންމެ ދުވަސްވީ ފިރިހެން މީހާގެ ގޮތުގައި ޖަޕާނުގެ މަސާޒޯ ނޮނަކާ ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފި އެވެ. އޭނާގެ އުފަންވެފައިވަނީ 25 ޖުލައި 1902 ވަނަ އަހަރު އެވެ. މިހާރު އޭނާ...

15 Apr 2018 | 03:00

މިވަގުތު ދުނިޔޭގައި ހުރި އެންމެ ދުވަސްވީ ފިރިހެން މީހާގެ ގޮތުގައި ޖަޕާނުގެ މަސާޒޯ ނޮނަކާ ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފި އެވެ.

އޭނާގެ އުފަންވެފައިވަނީ 25 ޖުލައި 1902 ވަނަ އަހަރު އެވެ. މިހާރު އޭނާއަށް 112 އަހަރެވެ. މަސާޒޯ އަށް ރެކޯޑު ފޮތުން ޖާގަލިބުނު ކަމުގެ ސެޓްފިކެޓް ހަވާލު ކުރުމަށް މިމަހުގެ 11 ވަނަ ދުވަހު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައި އެވެ.

މި ރަސްމިއްޔާތުގައި މަސާޒޯ ބުނެފައިވަނީ ހޫނު ފެނުން ފެންވަރައި، ފޮނި އެއްޗެހި ކެއުމަކީ އޭނާ ދުނިޔޭގައި ގިނަ ދުވަހު ހުރުމުގެ ސިއްރު ކަމަށެވެ. އަދި މިހާރުވެސް އާންމުކޮށް ކާއެއްޗަކީ  ތަފާތު ވައްތަރުގެ ފޮނި ކާއެއްޗެހި ކަމަށް ބުންޏެވެ.

އެ ރަސްމިއްޔާތުގައި އޭނާއަށް ކާފަ ކިޔާ އަންހެނަކު ބުނީ މަސާޒޯ ގިނަ ދުވަހު ދުނިޔޭގައި ހުރުމުގެ ސިއްރަކީ ފޮނި ކާއެއްޗެހި ކެއުން ކަމަށް އޭނާ ގަބޫލު ނުކުރާ ކަމަށެވެ. އަންހެން މީހާ  ބުނީ ކާފަ ދުނިޔޭގައި ހުރުމުގެ ސިއްރަކީ ކަންކަމާއި ނުވިސްނާ ހަމަޖެހިގެން އުޅުމާއި ގުޅިފައިވާ ކަމެއް ކަމަށެވެ.

ފުރޮޅުލީ ގޮނޑިއެއްގައި އިންނަ މަސާޒޯއަށް ނުހިނގުނު ކަމުގައި ވިޔަސް ސިއްހީ އެއްވެސް މައްސަލައެއް އޭނާގެ ނެތެވެ. ޒުވާން ދުވަސްވަރު އޭނާ އަކީ ދަނޑުވެރި އެކެވެ.

މަސާޒޯ  ކުރި ހަމައެކަނި ކައިވެނި ކޮށްފައިވަނީ 1931 ވަނަ އަހަރު އެވެ. އެ ކައިވެންޏަށް ފަސް ކުދިން ލިބުނެވެ. އަދި މިހާރުވެސް އޭނާ ދިރިއުޅެނީ އޭރުވެސް އޭނާ ދިރިއުޅުނު ޖަޕާނުގެ އަޝޯރޯ ކިޔާ އަވަށެއްގައި އެވެ.

މަސާޒޯއަށް މި މަގާމު ލިބުނީ ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެން މީހާގެ ލަގަބު ލިބިފައި އޮތް ސްޕެއިންގެ ފްރެންސިސްކޯ އޮލިވަރާ މިއަހަރުގެ ޖެނުއަރީ 29 ގައި މަރުވުމާއި ގުޅިގެންނެވެ. މަރުވި އިރު ފްރެންސިސްކޯގެ އުމުރަކީ 113 އަހަރެވެ.

ޖަޕާނަކީ އެންމެ ގިނަ ދުވަހު ދުނިޔޭގައި ތިބި މީހުންގެ ގޮތުގައި ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފައިވާ މީހުން އެންމެ ގިނަ ގައުމެވެ. އެ ގައުމުގައި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ގެތަކެއް ސަރުކާރުން ބަލަހައްޓަމުންދެ އެވެ.

އެ ގައުމުން މިދިޔަ އަހަރު އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުގައި އެފަދަ ގެތަކުގައި އުމުރުން 100 އަހަރުން މަތީގެ 68،000 މީހުން އެބަތިބި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް