ސްޕެނިޝް ލީގުގައި ބަލިނުވެ 39 މެޗު ހަމަކޮށް ބާސާ ރެކޯޑެއް ގާއިމްކޮށްފި

ސްޕެނިޝް ލީގު ހޯދުމާ ގާތުގައި އޮތް ބާސެލޯނާއިން ރޭ ވެލެންސިއާގެ މައްޗަށް ހޯދި މޮޅާއެކު، ސްޕެނިޝް ލީގުގައި ބަލިނުވެ ޖެހިޖެހިގެން 39 މެޗު ހަމަކޮށް އައު ރެކޯޑެއް ގާއިމްކޮށްފިއެވެ. ތާވަލުގެ 3 ވަނައިގައި އ...

15 Apr 2018 | 02:05

ސްޕެނިޝް ލީގު ހޯދުމާ ގާތުގައި އޮތް ބާސެލޯނާއިން ރޭ ވެލެންސިއާގެ މައްޗަށް ހޯދި މޮޅާއެކު، ސްޕެނިޝް ލީގުގައި ބަލިނުވެ ޖެހިޖެހިގެން 39 މެޗު ހަމަކޮށް އައު ރެކޯޑެއް ގާއިމްކޮށްފިއެވެ.

ތާވަލުގެ 3 ވަނައިގައި އޮތް ވެލެންސިއާގެ މައްޗަށް 2-1 ގެ ހަނިމޮޅެއް ބާސާއިން ހޯދިއިރު، ރޭގެ މެޗުގެ ކުރިން އެ ޓީމުން އައީ ބަލިނުވެ ޖެހިޖެހިގެން ހަމަކުރި 38 މެޗާއެކު، ރެއާލް ސޮސައިޑާޑްއާ އެއް ހަމައެއްގައި ބަލިނުވުމުގެ އެންމެ ރަނގަޅު ރެކޯޑް ހިއްސާކުރަމުންނެވެ.

މިދިޔަ ހަފުތާގައި ރޯމާ އަތުން ބަލިވެ ޗެމްޕިއަންސް ލީގުން ކަޓާފައިވާ ބާސެލޯނާ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗަށް ނިސްބަތުން މަދު އަދަދެއްގެ ސަޕޯޓަރުން ވަންއިރު، މެޗު ފެށުނުއިރު ވެސް ދަނޑުން ފެނުނީ ހަމަހިމޭންކަމެވެ. އެހެން ނަމަވެސް، މެޗު ފެށިގެން އެންމެ 15 މިނިޓުގެ ތެރޭގައި ލުއިސް ސުއަރޭޒް ކާމިޔާބު ކުރި ލަނޑާއެކު ދަނޑަށް ދިރުން އައެވެ.

ބާސެލޯނާގެ ލަނޑަށްފަހު ވެލެންސިއާގެ ގޮންކާލޯ ގުއެޑެސް އާއި ރޮޑްރިގޯ މޮރޭނޯއަށް ނަތީޖާ ހަމަހަމަކޮށްލުމަށް ވަރަށް ހުސް ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ކުރެވޭ ގޮތެއް ނުވިއެވެ. ނަތީޖާއަކަށްވީ މި ފަހަކަށް އަހިސް ފާޑުކިޔުން އަމާޒުވެފައިވާ ބާސެލޯނާގެ ޑިފެންޑަރ އުމްޓިޓީ ކާމިޔާބުކޮށްދިން ލަނޑާއެކު ބާސާއިން ލީޑު ފުޅާކުރުމެވެ.

މެޗުގެ ފަހުކޮޅުގައި ލިބުނު ޕެނަލްޓީއަކުން ޕްރެޖޯ ކާމިޔާބުކޮށްދިން ލަނޑާއެކު ވެލެންސިއާ އިން ބާސެލޯނާގެ ލީޑު ހަނިކޮށްލި ނަމަވެސް ނަތީޖާ ހަމަހަމަކޮށްލެވޭ ގޮތެއް ނުވިއެވެ.

މި ނަތީޖާއާއެކު ބާސެލޯނާ ތާވަލުގެ އެއް ވަނައިގައި މި ވަގުތު އޮތީ 32 މެޗުން ލިބުނު 82 ޕޮއިންޓާއެކުގައެވެ. އެ ޓީމަށް ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް 14 ޕޮއިންޓްގެ ލީޑެއް ލިބިފައިވާއިރު، އެތުލެޓިކޯ މެޑްރިޑް މިރޭ ރާއްޖެ ގަޑިން 19:15 ގައި ލެވަންޓޭ އާ ދެކޮޅަށް ނުކުންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް