އިޒްރޭލުގެ ޔަހޫދީންނާއި ދެކޮޅަށް ހަނގުރާމަކުރަމުން އަންނަ ހަތަރު މުޖާހިދަކު އިއްޔެ ޝަހީދުވެފައިވާކަމުގައި އެ ހަތަރު މުޖާހިދުން ނިސްބަތްވާ ގްރޫޕުން ބުނެފި އެވެ.
އިސްލާމިކް ޖިހާދު ނަމަކަށް ކިޔާ މި ގްރޫޕުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމީހުން ޝަހީދުވެފައިވަނީ އިޒްރޭލަށް ހަމަލާއެއް ދިނުމަށް ތައްޔާރުވަމުން ދަނިކޮށް ހިނގި ހާދިސާއެއްގައި އެ މީހުންތިބި ވެހިކަލް ގޮވުމުން ކަމަށެވެ. އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެ އެވެ.
އިސްލާމިކް ޖިހާދު ގްރޫޕަކީ ހަމާސް ޖަމާއަތާއި ގުޅިގެން އިޒްރޭލުގެ ޔަހޫދީންނާއި ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ ގްރޫޕެކެވެ. އިއްޔެގެ މި ހާދިސާ ހިނގާފައިވަނީ އިޒްރޭލާއި ފަލަސްތީނު ގުޅޭ ގާޒާ ބޯޑަރު ސަރަހައްދުގައި އެވެ.
ހަތަރު މުޖާހިދަކު ޝަހީދުވެފައިވާއިރު ގުދުސްގެ ދިފާއުގައި ފަލަސްތީނުގެ ރައްޔިތުން އަންނަނީ މަގުތަކަށް ނިކުމެ އިހްތިޖާޖު ކުރަމުންނެވެ. އެގޮތުން ފާއިތުވި ތިން ހުކުރުގައި ބޮޑު އެއްވުންތަކެއް ބާއްވާފައިވާއިރު މިދިޔަ ހުކުރު ދުވަހުވެސް އެއްވުމެއް ބާއްވާފައި ވެ އެވެ. އެ އެއްވުމުގެ ތެރެއަށް ޔަހޫދީ ސިފައިން ދިން ހަމަލާއެއްގައި އެއްވުމުގެ ބައިވެރިއަކު ޝަހީދުވެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް