ސޫރިޔާގެ އިރުމަތީ ޣޫތާގައި ދިން ކެމިކަލް ހަމަލާ އާއި ގުޅިގެން ހަފްތާއެއްގެ އިންޒާރަށްފަހު އެމެރިކާއިން އިސްވެ އޮވެ ސޫރިޔާގެ ތިން ސަރަހައްދަކަށް ހަމަލާތައް ދީފި އެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާ، އިނގިރޭސިވިލާތް އަދި ފްރާންސް ގުޅިގެންނެވެ.
މި ހަމަލާތައް ދީފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެވެ. އޭގެ ކުރިން ހުކުރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި އެމެރިކާގެ ރައީސް ޓްރަމްޕް ބުނެފައިވަނީ ސޫރިޔާގެ ހުދުމުހުތާރު ވެރިޔާ، ބައްސާރުލް އަސަދާއި ގުޅުންހުރި ކެމިކަލް ޕްލާންޓްތަކަށް ހަމަލާ ދިނުމަށް އެމެރިކާގެ ސިފައިންނަށް އޯޑަރު ދީފައިވާނެ ކަމަށެވެ.
މި ހަމަލާ ދީފައިވަނީ ރާއްޖޭ ގަޑިން ބަލާކަމުގައިވަނީ ނަމަ ހޮނިހިރު ދުވަހުގެ ހެނދުނު 06:00ގައި އެވެ. އެ ވަގުތަކީ މެދުއިރުމަތީ ގައުމުތަކަށް ބަލާއިރު ދަންވަރުގެ ވަގުތެވެ. މި ހަމަލާތަކާއި ގުޅިގެން ސޫރިޔާގެ އަސްކަރިއްޔާއިން ބުނެފައިވަނީ 110 މިސައިލެއް ސޫރިޔާއަށް އަމާޒުވި ކަމަށާއި އޭގެ ތެރޭން ގިނަ މިސައިލުތަކެއް ނާކާމިޔާބު ކޮށްލެވުނު ނަމަވެސް ބައެއް މިސައިލުތައް ޓާގެޓަށް އަމާޒުވެފައިވާކަމަށެވެ. އެގޮތުން ބަރްޒަރުގައި ހުންނަ ރިސާޗް ސެންޓަރަށް މިސައިލު އަމާޒުވެފައިވާކަމަށެވެ.
ބަރްޒަހުގައި ހުންނަ ރިސާޗް ސެންޓަރަކީ އެމެރިކާއިން ހަމަލާ އަމާޒުކުރި އެއް ޓާގެޓެވެ. ދެން ހަމަލާ ދީފައިވަނީ ކެމިކަލް ރައްކާ ކުރާ ދެ ސްޓޯރޭޖް ފެސިލިޓީ އަކަށެވެ.
އެމެރިކާ އިސްވެ އޮވެ ދިން މި ހަމަލާ އިރާނުން ވަނީ ކުށްވެރި ކޮށްފަ އެވެ. ސޫރިޔާގެ ދާހިލީ ހަނގުރާމައިގާ އިރާނުން އަންނަނީ އަސަދަށް ތާއީދުކޮށް ފަންޑު ކުރަމުންނެވެ.
މި ހަމަލާތަކަށްފަހު ޕެންޓަގަން އިން ބުނެފައިވަނީ ހަމަލާތައް ވަރަށް ކާމިޔާބު ކަމަށާއި މި ހަމަލާތަކާއި ގުޅިގެން ސޫރިޔާގެ ކެމިކަލް ޕްރޮގްރާމް އެތައް އަހަރަކަށް ފަހަތަށް ޖެހިގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް