އިއްޔެ މާފުށީ ޖަލާއި މާލޭ ޖަލުގައި ހިންގި ހަމަނުޖެހުންތަކެއްގައި އޮފިސަރުންނާއި ބަންދުގައި ތިބި ބައެއް މީހުންނަށް އަނިޔާވެއްޖެ އެވެ.
ކަރެކްޝަންސްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދެ ޖަލުގައި ހަމަނުޖެހުން ފެށުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ޖަލުތައް ޑިސްއިންފެކްޓުކޮށް ސާފު ކުރުމުގެ މަސައްކަތް ކުރުމަށް އުޅުނު މުވައްޒަފުންނަށް ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ހުރަސް އަޅާ ހަމަލާދޭން އުޅުމުންނެވެ. މި ހަމަނުޖެހުން ތަކުގައި ދެ ޖަލުން10 އޮފިސަރަކަށާއި ނުވަ ބަންދުގެ މީހަކަށް އެކިވަރުގެ އަނިޔާވެފައިވެ އެވެ.
އަނިޔާ ލިބުނު ބަންދުުގެ މީހުންނަށް ފަރުވާ ދިނުމަށް ފަހު އާއިލާތަކަށް އެކަން ވަނީ އަންގާފަ އެވެ.
މާލޭ ޖަލުގައި ހިންގި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން ޖެހުނީ ފުލުހުން ގެންގޮސްގެންނެވެ.
ކަރެކްޝަންސްއިން ބުނީ އިއްޔެގެ ހަމަނުޖެހުންތަކަށް ފަހު ޖަލު އޮފިސަރުންނަށް މަގުމަތިން ހަމަލާ ދިނުމުގެ ހާދިސާތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން މަރުތޭލަކުން އޮފިސަރަކަށް ހަމަލާދޭން އުޅުމާއި އޮފިސަރުންގެ ވެހިކަލްތަކުގެ އިތުރުން ދިރިއުޅޭ އިމާރާތްތަކަށް ގެއްލުން ދިނުމުގެ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
އެކަންކަން ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ކަރެކްޝަންސްއިން ބުނެ އެވެ.
މި ހަމަނުޖެހުންތަކާއި ގުޅިގެން ކަރެކްޝަންސްއިން ވަނީ އެ ސާވިސްއާއި ގުޅޭގޮތުން ދޮގު މައުލޫމާތުތައް ނުފެތުރުމަށް އިލްތިމާސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް