ކޮރޯނާ ވައިރަސް އާއި ގުޅިގެން ސްކޫލްތައް ބަންދުކޮށްފައިވާތީ ގްރޭޑް10 ގެ ކުދިންނަށް ޕީއެސްއެމްގެ ޔެސް ޓީވީ މެދުވެރިކޮށް "ޓެލިކިލާސް" ތައް ފަށައިފި އެވެ.
މި ކްލާސްތައް މިއަދު ކުރިޔަށް ގެންދަނީ ހެނދުނު8:00 ން ފެށިގެން މެންދުރު ފަހު2:00 އަށެވެ. މިއަދު ކިޔަވައިދޭ މާއްދާތަކުގެ ތެރޭގައި އިސްލާމް، އިނގިރޭސި، ހިސާބު، ކޮމްޕިއުޓާ ސްޓަޑީސް އަދި ދިވެހި ހިމެނެ އެވެ.
މީގެ އިތުރުން މެންދުރު12:00 ގައި ބްރޭކެއް ނެގުމަށް ފަހު1:00 ން2:00 އަށް ކުރިޔަށް ގެންދަނީ އިސްލާމް މާއްދާއަށް އަމާޒުކޮށްގެން ފޯރަމެކެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކްލާސްތަކުގައި ކިޔަވައިދޭނީ މާލޭގެ އެކި ސްކޫލްތަކުގައި ގްރޭޑް10 އަށް ކިޔަވައިދޭ ޓީޗަރުން ކަމަށެވެ. އަދި ޔެސް ޓީވީން މި ދައްކާ ކްލާސްތައް ފޭސްބުކާއި ޔޫޓިއުބް މެދުވެރިކޮށްވެސް ބެލޭނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ގްރޭޑް10ގައި ކިޔަވާ ދަރިވަރުން މި ޕްރޮގްރާމް ބަލާތޯ ކަށަވަރު ކުރުމަށް ސްކޫލްތަކަށް އަންގާފައި އެވެ.
ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތައް ބަންދު ކުރަން ޖެހުމުން އެޑިއުކޭޝަން މިނިސްޓްރީން ގެންދަނީ އޮންލައިން ކޮށާއި ބްރޯޑްކާސްޓުކޮށްގެން ކިޔަވައިދިނުމަށް ތައްޔާރުވަމުންނެވެ.
މިވަގުތު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތުމުން ސްކޫލްތައް ފެށޭނެ ވަކި ދުވަހެއް ނޭނގެ އެވެ. މިހާރު ސްކޫލްތައް ބަންދުކޮށްފައި އޮތީ އެއް ހަފްތާގެ މުއްދަތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް