މިމަހު ހުޅުމާލޭގައި ހުޅުވި ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ހިތުގެ އޮޕަރޭޝަނެއް މިއަދު ކޮށްފި އެވެ.
އެ ހޮސްޕިޓަލުން ބުނީ އެތަނުގައި ފުރަތަމަ ހިތުގެ އޮޕަރޭޝަން ކޮށްފައި ވަނީ ހިތުގެ ބައްޔެއް ކަމަށްވާ އެއިޒެންމެންޖާ ސިންޑްރޯމް (އީއެސް) ޖެހިފައިވާ އުމުރުން 27 އަހަރުގެ މީހެއްގެ ކަމަށެވެ. މި އޮޕަރޭޝަން ކޮށްފައި ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ އިންޓަވެންޝަނަލް ކާޑިއޮލޮޖިސްޓް ޑރ. ޕިއެޓްރޯ ގައެންޓާނޯ އެވެ.
އޮޕަރޭޝަން ކާމިޔާބުވެފައިވާއިރު މި އޮޕަރޭޝަން ކުރި ޑރ. ޕިއެޓްރޯ ވިދާޅުވީ އޮޕަރޭޝަން ކުރުމުގައި އެއްވެސް މައްސަލައެއް ދިމާ ނުވާ ކަމަށެވެ. އަދި އޮޕަރޭޝަނަށް ފަހު، ބަލިމީހާގެ ހާލު ވަަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
ހިތުގެ ބަލިތަކަށް އިސްކަންދީގެން ހިދުމަތްދޭ އެ ހޮސްޕިޓަލުން ބުނީ ހޮސްޕިޓަލު ހުޅުވިތާ ކުރީ ކޮޅު ކާމިޔާބު ކަމާއި އެކު އޮޕަރޭޝެއް ކުރެވުމަކީ ފާހަގަ ކުރަން ޖެހޭ ކަމެއް ކަަމާށެވެ. އަމާޒަކީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހިތުގެ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓުން ވީހާ ވެސް ފެންވަރު ރަނގަޅު އަދި އިތުބާރު ކުރެވޭ ހިދުމަތްތަކެއް ފޯރުކޮށް ދިނުން ކަމަށެވެ.
ރާއްޖޭގެ ވިޔަފާރިވެރިންތަކެއް ގުޅުިގެން ހެދި ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވީ މިމަހުގެ އެއް ވަނަ ދުވަހު އެވެ. މި ހޮސްޕިޓަލަކީ 110 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާފައިވާ ހޮސްޕިޓަލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް